ދޭހައިގެ ލިޔުންތައް


މިއީ ދިވެހި އިމްތިހާނަށް ތައްޔާރުވާ ދަރިވަރުން ދޭހައިގެ ބައިތައް މުތާލިޢާ ކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން ހިމަނާލެވިފައިވާ ބައެކެވެ. މިބައިގައި ހިމަނާލެވިފައިވާ ދޭހަތަކަކީ ގްރޭޑް 7 އިން 10 ގެ ދަރިވަރުންނަށްވެސް ފަރިތަކުރުމަށް ބޭނުންކުރެވިދާނެ ދޭހަތަކެކެވެ.
******************************************************************************


ދޭހަ 
ދޭހައަކީ ތިމާއަށް އެނގޭ އެނގުމެވެ. ނުވަތަ ދަސްވާ ދަސްވުމެވެ. ކިޔުމުގެ ދޭހައަކީ ލިޔެފައިވާ ލިޔުމެއް ކިޔައިގެން ތިމާއަށް އެނގޭ އެނގުމެވެ. ނުވަތަ ވިސްނޭ ވިސްނުމެވެ.

·         ދޭހައިގެ ސުވާލުތަކަށް ޖަވާބު ދިނުމުގައި ވިސްނަންވީ ނުކުތާތައް:
1 . ޖަވާބުދޭން ފެށުމުގެ ކުރިން ދޭހައަށް ދީފައިވާ ލިޔުން ކިޔުން.  
2 . ދޭހައަށް ދީފައިވާ ލިޔުމުގައި ބަޔާންކުރާ ވާހަކަތަކާމެދު ފުންކޮށް ވިސްނަމުން ކިޔުން.
3 . ދީފައިވާ ސުވާލަށް އަމާޒުވާގޮތަށް ޖަވާބުދިނުން.
4 . ޖަވާބަށް ބޭނުންވާ މިންވަރަށްވުރެ އިތުރު ވާހަކަތައް ނުލިޔުން.
5 . ސުވާލު ހިމެނޭ ޕެރެގްރާފް، އަކުރުން އަކުރަށް ނަކަލު ނުކުރުން.
6 . އަމިއްލަ ޢިބާރާތުން ޖަވާބު ދޭންޖެހޭ ސުވާލުތަކަށް އަމިއްލަ ޢިބާރާތުން ޖަވާބު ދިނުން.
 ސުވާލުގައި ބުނާ ވާހަކައަށް ރަގަޅަށް ވިސްނުމަށްފަހު ޖަވާބު ހޯދާފައި ލިޔުން 7. 

ދޭހައިގެ ލިޔުން 1

އަދަބިއްޔާތު
1.                  އަދަބިއްޔާތުގެ ބޭނުމާއިބެހޭގޮތުން ކަމުގެ މާހިރުން ލިޔުއްވާގޮތުގައި އަދަބިއްޔާތާއި އިންސާނީ ހަޔާތާ ނުވަތަ އޭނާގެ މުޖުތަމަޢާ މާބޮޑު ބެހުމެއް އޮތުމަކީ ބޭނުންކަމެއްނޫނެވެ. އަދަބިއްޔާތަކީ އިލްހާމީ އަދި ވަޖުނަވީ އެއްޗެކެވެ. އަދަބިއްޔާތު ގުޅިފައިވަނީ އިންސާނާގެ ވިސްނައި ފިކުރުކުރުމުގެ ބާރާއެވެ. އަދަބިއްޔާތުގެ ބޭނުމަކީ ކިޔުންތެރިންގެ ހިތްހަމަޖައްސައިދިނުމެވެ. އުފާކޮށްދިނުމެވެ.
2.                  އަޅުގަނޑުމެންގެ މާޒީގެ ތާރީޚަށް އެނބުރި ދާއިރު އަދަބިއްޔާތު ހިމެނިފައިވަނީ ހަޔާތުގެ ތަރުޖަމާނެއް ކަމުގައެވެ. ހަމައެކަނި އެތެރެވަރީގައެއްނޫނެވެ. އަދި ކީއްތޯއެވެ. ޔޫރަޕުގައިވެސްމެއެވެ. މަޝްހޫރު ޑުރާމާލިޔުންތެރިޔާ ޝެކްސްޕިޔަރގެ ޑުރާމާތަކުގައިވަނީއިނގިރޭސިވިލާތުގެ އެދުވަސްވަރުގެ މުޖުތަމަޢު ސިފަކޮށްފައެވެ. މުޖުތަމަޢުގައި ހަމަނުޖެހުން އުފެއްދުމަށް މެދުވެރިވާ ސަބަބުތައް ދައްކާފައެވެ. މިބާވަތުގެ އެތައް މިސާލެއް ތާރީޚްގެ ތެރެއިން ފެންނަން އެބަހުއްޓެވެ. ޝައްކެތްނެތެވެ. އަދަބިއްޔާތަކީ އެދަޢުރެއްގެ ސިޔާސީ އަދި ޢިޖްތިމާޢީ ހާލަތުގެ މޫނުބަލާ ލޯގަނޑެވެ. އަދަބިއްޔާތަކީ ރެކޯޑްކޮށްދޭ އެއްޗެކެވެ. އެދަޢުރެއްގެ އަދަބިއްޔާތަކީ އެދަޢުރެއްގެ މުޅި ރޫޙެވެ.
3.                  އަދަބިއްޔާތުގެ ނުފޫޒާއި ބާރަށް ވިސްނާއިރު، އަދަބިއްޔާތުގެ ރޮނގުން ކުރިއަށް ދާންވާނީ މަތިވެރި އަމާޒެއްކުރިމަތީގައި ބާއްވައިގެންނެވެ. އަދީބުންނަކީ ކިޔުންތެރިން ދިރިއުޅުމުގެ ހިތި ހަޤީޤަތްތަކަށް ލޯމަރުވާ ބައެއްކަމުގައި ވެގެންނުވާނެވެ. އަދި ކީއްތޯއެވެ! އަދިބޫން ވާންޖެހޭނީ ކިޔުންތެރިންގެ އަޒުމު ވަރުގަދަކޮށްދީ އެމީހުންގެ ތެރޭގައި ރޫޙު އުފައްދާ ބަޔަކަށެވެ.
4.                  މުޖުތަޢުގައި އުފެދިފައިވާ އުއްމީދު ގެއްލުމާއި މާޔޫސްކަމުގެ އަސަރު ފިލުވައިލެވޭ އެންމެ ވަރުގަދަ ބާރަކީ ހޭލުންތެރިކަން އުފެއްދުމުގެ އަދަބިއްޔާތެވެ. ހޭލުންތެރިކަން އުފެއްދުމުގެ އަދަބިއްޔާތަކީ ހަމައެކަނި ސިޔާސީ ފިއްތުންތަކާއި އިޤްތިޞާދީ، އިޖްތިމާޢީ އަޅުވެތިކަމާ ދެކޮޅަށް ބޭނުންކުރެވޭ ހަތިޔާރެއްނޫނެވެ. އަދި ކީއްތޯއެވެ. އެއީ ޤަޢުމުގެ ބިނާކުރުމުގައި ހުރިހާ ގޮތަކުންވެސް ބޭނުންކުރެވިދާނެ ވަރުގަދަ ބާރެކެވެ. ހޭލުންތެރިކަން އުފެއްދުމުގެ އަދަބިއްޔާތަކީ އޭގައި މަތިވެރި މަޤްޞަދެއް އެކުލެވިފައިވާ އެއްޗެކެވެ. އެމަޤްޞަދަކީ ހުރިހާ ގޮތަކުންވެސް މުޖުތަމަޢު ބަދަލުކޮށްލުމެވެ. އިންސާފާއި ހަމަހަމަކަން  ޤާއިމްވެފައިވާ ތަންދޮރުނުފިލާ މުޖުތަމައެއް އުފެއްދުމެވެ.
5.                  ހޭލުންތެރިކަން އުފެއްދުމުގެ އަދަބިއްޔާތަށް ސަމާލުކަންދިނުމަކީ މުޖުތަމަޢުގެ ހުރިހާ ޝާއިރުންނާއި އަދީބުންނާއި ޢިލުމްވެރިންގެ ވާޖބެކެވެ. މުޖުތަމަޢުގައި ބޭއިންސާފާއި ނަހަމަކަން އުފެއްދުމުން ދާނަމަ ނުވަތަ ވަކި ރޮގެއްގައި، ޤަޢުމަށް މަގުދައްކައިދީ ހޭލުންތެރިކުރަން ޖެހިފައިވާނަމަ އެރޮނގަކަށް އަދީބުން ސަމާލުކަން ދޭންޖެހޭނެވެ. އެރޮނގަކުން އަދީބުންގެ ގަލަންތައް ހިންގަން ޖެހެއެވެ. ޝައްކެތްނެތެވެ. ބައެއްފަހަރު މިކަމަކީ މާފަސޭހަކަމަކަށްނުވެ ހިނގައިދާނެވެ. ސިޔާސީ ހޭލުންތެރިކަން އުފެއްދުމުގެ އަދަބިއްޔާތު އުފައްދާ މީހުންގެ ކުރިމަތީގައި އަބަދުވެސް ހުންނާނީ ކަށިގަސްތަކުން ފުރިފައިވާ މަގުތަކެކެވެ. އެމީހުން އުފުލަންޖެހޭނީ ހަމައެކަނި ރޫޙާނީ، ޖިސްމާނީ އުނދަގޫތަކެއް ނޫނެވެ. މުދަލާއި ޢިއްޒަތާއި ފުރާނައިންވެސް އަތްދޮވެލަށް ބައެއްފަހަރު ޖެހިދާނެވެ. މިގޮތުން ބަލާއިރު ވިހިވަނަ ޤަރުނުގައި އީރާނުގައި ހޭލުންތެރިކަމުގެ އަދަބިއްޔާތު އުފެއްދި އަދީބުން ވެފައިވާ ޤުރުބާނީއަކީ ވަރަށް ފުރިހަމަ ނަމުނާއެކެވެ. އެތައްބަޔަކު ޤަތުލުކޮށް ދަންޖައްސާ ހަދަމުން ގެންދިޔައިރުވެސް އަދީބުންގެ މަސައްކަތަކަށް ހުއްޓުމެއް ނާދެއެވެ.
6.                  އެހެން ޤަޢުމުތަކެކޭ އެއްގޮތަށް އަޅުގަނޑުމެންގެ ޤަޢުމަކީވެސް ހޭލުންތެރިކަން އުފެއްދުމުގެ އަދަބިއްޔާތަށް ބޭނުންވެފައިވާ ޤަޢުމެކެވެ. ޞިއްޙީގޮތުންނެވެ. އަމިއްލަ އެހީގައި ކުރިޔަށްދާން މަސައްކަތްކުރުމުގެ މައިދާނުގައެވެ. އަޅުގަނޑުމެންގެ ޤަޢުމުގައި އިޖުތިމާޢީގޮތުން އިޞްލާޙުކުރަންޖެހޭ މައްސަލަތައް ވަރަށް ގިނައެވެ. ކައިވެންޏާއި ވަރީގެ މައްސަލައެވެ. ދޭދޭމީހުންގެ ގުޅުމާއި އަވަށްޓެރިންގެ މެދުގައި އޮންނަންވާ ރީތިގުޅުން ނެތުމުގެ މައްސަލައެވެ. ޅަ ޢުމުރުގައި ކުދިން ހޯދުމާ ދޭތެރެ ކައިރިކޮށް ވިހެއުމުގެ މައްސަލައެވެ.
7.                  އާދެ! މިބާވަތުގެ އިސްލާހީ މަސައްކަތުގެ އެތަކެއް މައިދާންތަކެއް ހުޚުވިފައި އޮތުމާއެކުވެސް އަޅުގަނޑުމެން ލިޔުންތެރިން އެންމެ އެދެވޭގޮތުގައި މިބާވަތުގެ މައްސަލަތަކަށް ސަމާލުކަންދޭ ބާވައޭ އަޅުގަނޑުގެ ހިތަށް އަރައެވެ. އަޅުގަނޑުމެންނަށް މުޖުތަމަޢުގައި ހޭލުންތެރިކަން އުފެއްދުމުގެ ބަދަލުގައި މުޖުތަމަޢު ނިންދަވަން ނާނާ ކިޔެނީ ނޫންބާވައޭ  އަޅުގަނޑުގެ ހިތަށްއަރައެވެ.
-          ފާރޫޤު ޙަސަން، ޏ.ފޯއްމުލަކު، ލިޔުއްވާފައިވާ ލިޔުމަކުން ނަގާފައި –


ސުވާލުތައް
1.      އަދަބިއްޔާތާއި ނުވަތަ އޭނާގެ މުޖުތަމަޢާ ބެހުމެއް އޮތުމަކީ މުހިއްމުކަމެއްތަ؟               (1 މާކުސް)
2.      "އަދަބިއްޔާތު ހިމެނިފައިވަނީ ޙަޔާތުގެ ތަރުޖަމާނެއް ކަމުގައެވެ." މިޖުމްލައިން ދޭހަވާ މާނައަކީ ކޮބައިކަން އަމިއްލަ އިބާރާތުން ބަޔާންކުރޭ!                                      (3 މާކުސް)
3.      އަދަބިއްޔާތުގެ ރޮނގުން ކުރިޔަށް ދާންވާނީ މަތިވެރި އަމާޒެއް ކުރިމަތީގައި ބާއްވައިގެންކަމަށް ލިޔުންތެރިޔާ ދެކިފައިވަނީ ކީއްވެ؟                                                  (2 މާކުސް)
4.      ޙަޤީޤަތަށް ލޯމެރުމަކީ ކޮބައިހެއްޔެވެ؟                                       (1 މާކުސް)
5.      ކިޔުންތެރިންގެ ޢަޒުމު ވަރުގަދަކޮށް އެމީހުންގެ ތެރޭގައި ރޫޙު އުފެއްދުމަށް ލިޔުންތެރިންގެ ލިޔުންތައް ބިނާކުރާނީ ކޮންގޮތަކަން ހެއްޔެވެ؟                                       (1 މާކުސް)
6.      ހޭލުންތެރިކަން އުފެއްދުމުގެ އަދަބިއްޔާތުގެ މަޤްޞަދަކީ ކޮބައިހެއްޔެވެ؟                        (2 މާކުސް)
7.      ހޭލުންތެރިކަމުގެ އަދަބިއްޔާތު އުފައްދަން މަސައްކަތްކުރާ ލިޔުންތެރިންގެ ތެރެއިން އެންމެ ދަތި އުދަގޫތަކެއް އުފުލަންޖެހެނީ ކޮން ރޮނގަކުން މަސައްކަތްކުރާ ބަޔަކަށް ހެއްޔެވެ؟ އަދި އެއީ ކީއްވެހެއްޔެވެ؟ 3 ފޮޅުވަތަށްވުރެ ދިގުނުވާނެހެން ޖަވާބުދޭށެވެ.                                      (3 މާކުސް)
8.      ދިވެހިރާއްޖެއަކީ ހޭލުންތެރިކުރުމުގެ އަދަބިއްޔާތަށް ބޭނުންވެފައިވާ ޤަޢުމެއްކަމަށް ލިޔުންތެރިޔާ ބަޔާންކުރައްވަނީ ކީއްވެ؟
(2 މާކުސް)

9.      މުޖުތަމަޢު ނިންދެވުމަށް ނާނާ ކިޔުމަކީ ކޮބައިހެއްޔެވެ؟                            (2 މާކުސް)
10.  ތިރީގައިވާ ބަސްތަކުގެ މާނަ ދޭހައިން ދޭހަވާގޮތަށް ލިޔާށެވެ!                        (2 މާކުސް)
·         އެތެރެވަރީ             ( ޕެރެގުރާފު 2 )
·         ނުފޫޒު               ( ޕެރެގުރާފު 3 )
·         އިންސާފު             ( ޕެރެގުރާފު 4 )
·         ޝާޢިރުން             ( ޕެރެގުރާފު 5 )



*******************************************************************************

ދޭހައިގެ ލިޔުން 2


އަލިފު ލައިލާ
1 -       އެތައްސަތޭކަ އަހަރުއްސުރެ އަލިފު ލައިލާ ވާހަކަވަނީ ދުނިޔޭގެ އެންމެ މަޝްހޫރު އަދި ދުވަހަކުވެސް ކިޔައި ފޫހިނުވާ ވާހަކައަކަށްވެފައެވެ. '' އަލިފު ލައިލާ '' އޭ މިދެންނެވީ ދިވެހިން އެނަން ކިޔާ ގޮތަށެވެ. އަސްލުގޮތަށް ދަންނަވާނަމަ އެއީ އަލްފު ލައިލާއެވެ. މަޤްބޫލުކަމުގެ ގޮތުން ހުރިހައި ޒަމާނެއްގައި ހުރިހައި ބަޔަކަށް ކަމުދާ ވާހަކައެއް ނުވަތަ ފޮތަކީ ވަރަށްމަދު އެއްޗެކެވެ. އެތައް ޒަމާންތަކެއް ވޭތުވެ ދިޔައެއްކަމަކު އަލިފު ލައިލާ ވާހަކައިގެ ކިޔާހިތްވުމާއި މަޤްބޫލުކަމަކަށް ކުޑަވެސް ބަދަލެއް ނައެވެ. އަދި ކީއްތޯއެވެ؟ ޒަމާންވީވީހެން ވާހަކައިގެ މަޤްބޫލުކަން ދިޔައީ ބޮޑުވަމުންނެވެ.                        
2 -        މިވާހަކަ  ލިޔެފައިވަނީ އޭޝިޔާގައޭ ދެންނެވިދާނެއެވެ. އެހެނީ ވާހަކައިގެ މާޙައުލާއި ވަށައިގެން އެނބުރޭ ތަހުޒީބީ އަދި ރަށްވެހިކަމުގެ ފަސްމަންޒަރުގައި ވަނީ ހަމަ މުޅިން އިރުމަތީ ނުވަތަ އޭޝިޔާގެ ކަންތައްތަކާއި މަންޒަރުތަކެވެ. މިވާހަކައިގެ  ގިނަ ޙާދިސާތަކަކީ ޚިޔާލީ ވާހަކަތަކެކެވެ. މިޙާދިސާތައް ބައްޓަންކޮށް ވާހަކައިގައިވާ އުޑުގައި އަޅައިފައިވާ ގަނޑުވަރުތައް އަޅާފައިވަނީ އިރުމަތީގެ ފާޑުވެރިއެއްގެ އަތުންނެވެ. ވާހަކައިގައިވާ ޖާދޫގެ ގެތައް އަޅާފައިވަނީ އިރުމަތީގެ މީހުންގެ ވަހުމާއި ޚިޔާލާ އެއްގޮތަށެވެ.                                                                       
3 -        ޢަރަބި ބަހުގެ މުސްކުޅި ރިފަރެންސް ތަކުގައި މިވާހަކައިގެ ވާހަކަ ނަންގަނެވިފައި ވީނަމަވެސް ، މިދެންނެވި ފޮތްތަކުގައި މިވާހަކައިގެ ނަން ބަޔާންކުރެވިފައިވާކަން އެންމެ ފުރަތަމަ  ހާމަކުރެއްވީ ހުޅަނގުގެ މުސްތަޝްރިޤުންނެވެ. އޮރިއެންޓަލިސްޓުންނެވެ. އެބޭކަލުން މިފޮތުގެ އެކި ދެލިކޮޕީތައް ހޯއްދަވައި މިފޮތް އެތަކެއްފަހަރު  ޗާޕުކުރެއްވިއެވެ. މިގޮތުން މިއަގުހުރި އަދަބީ ތަރިކަ ގެއްލިގެން ދިޔަނުދެއްވައި އަޅުގަނޑުމެންނާ ހަމައަށް ފޯރުކޮށްދެއްވީ އެބޭކަލުންނެވެ. އަދަބީގޮތުން މިފޮތުގެ މުހިއްމުކަން އެންމެ ފުރަތަމަ ހާމަކޮށްދެއްވީވެސް އެބޭަކަލުންނެވެ. މިވާހަކަ މިހާ މަޝްޙޫރުވެގެން ދިއުމުގައި ބޮޑަށް އޮތީ ޔޫރަޕް މީހުންގެ އަތެވެ. އަދި ކީއްތޯއެވެ؟ ވާހަކަ އެހާ މަޝްހޫރުކޮށް ކެއްޗާހަމައަށް ނެގުމުގައި އޮތީ ޔޫރަޕްގެ ބަސްބަހުގެ އެހީތެރިކަމެވެ.                                                                      
4 -       މިވާހަކަ ލިޔެފައިވާ ގޮތާއި ވައްޓަފާޅިއަށް ޔޫރަޕުގެ މީހުން ގަޔާވިވަރަކީ އެމީހުންގެ ބަސްބަހުގެ އަދަބަށް މިވާހަކައިގެ އަސަރުކޮށްފައިވަނީ އެކަން ސާފުކޮށް ފެންނަވަރަށެވެ. މިވާހަކަވަނީ ޔޫރަޕުގެ ގާތްގަނޑަކަށް ހުރިހައި ބަހަކަށްހެން ތަރުޖަމާ ކުރެވިފައެވެ. އަދި އެބަސްބަހުގެ އަދަބީ އުފެއްދުން ތަކުގައި މިވާހަކައަށް ވަނީ ހަވާލާދެވިިފައެވެ. ޔޫރަޕުގެ ބައެއްބަސްބަހަށް މިވާހަކައިގެ އަސަރުކޮށްފައިވާވަރުން މިވާހަކައާ ބެހޭ މަޢުލޫމާތު ނެތި އެބަސްބަހުގެ އަދަބު ދިރާސާ ކުރުމަކީ ދަތިކަމެކެވެ. އެހެނީ މިވާހަކައިގެ މަޝްހޫރު ނެށުންތަކާއި ވާހަކަތަކުގައިވާ މަޖާ ހާދިސާތައް އިސްތިޢާރާ ( މެޓަފޯރ ) އާއި މިސާލުބަހުގެ ގޮތުގައިވަނީ އެބަސްބަހުގެ އަދަބުގެ ތެރެއަށް ވަދެފައވެ. ޔޫރަޕުގެ މުހައްޤިޤަކު ލިޔުއްވާފައިވެއެވެ. '' ޔޫރަޕުގައި ފައްކާ ބޮޑެތި ގޭގެއިންފެށިގެން ޖިފުޓި ގަނޑަށް ދާންދެން އަލިފު ލައިލާ ވާހަކައާއި ބައިބުލްނެތް ގެއެއް ނުހުންނާނެއެވެ. '' 1947 ވަނަ އަހަރު  އަދަބުގެ ނޯބެލް އިނާމުލިބިލެއްވި ފަރަންސޭސިވިލާތުގެ މަޝްހޫރު އަދީބު އަންދުރޭ ގީދް ބުނުއްވާފައިވެއެވެ. '' ދުނިޔޭގެ ބޮޑެތި ފޮތްފޮތަކީ ތިނެއްޗެކެވެ. އެއީ ހޮމެރޮސްގެ ޅެންތަކާއި ބައިބުލްއާއި އަލްފު ލައިލާ އެވެ. '' ފަރަންސޭސި އަދީބު ސްތެންދާލް މިވާހަކަ އެތަކެއްފަހަރު ކިޔުއްވިއެވެ. އަދި ކޮންމެ ފަހަރަކު ކުރީފަހަރު ކިޔުއްވި ކިޔުއްވުން ހަނދާންނައްތާލައްވަން މަސައްކަތް ކުރެއްވިއެވެ. އެއީ ކިޔުއްވާ ކޮންމެ ފަހަރަކީ މިފޮތް ކިޔުއްވާ ފުރަތަމަ ފަހަރު ކަމުގައި ހެއްދެވުމަށާއި އެގޮތުން މިވާހަކަ ކިޔުއްވުމުން ލިބިލައްވާ  އުފާ ތަކުރާރު ކުރެއްވުމަށެވެ. ޔޫރަޕުގެ މީހުންނަށް މިވާހަކަ ގަޔާވެ ރީތިވިވަރުން ޔޫރަޕުގެ ލިޔުންތެރިޔަކު ލިޔުއްވާފައިވެއެވެ. '' މިވާހަކަ ލިޔުނީ ޔޫރަޕުގެ ކޮންމެވެސް މީހެކެވެ. '' .......... މިލިޔުންތެރިޔަކު އެހެން ލިޔުއްވާފައިއެވަނީ އޭނާގެ ޚިޔާލުގައި އޭޝިޔާއަށް އުފަން ސިކުނޑިއަކުން މިކަހަލަ ތަނަވަސް ޚިޔާލު ތަކެއް ނުކުތުމަކީ އެކަށީގެންވާ ކަމެއް ނޫންކަމަށް އޭނާ ދެކެލައްވާތީ ކަމަށް ވެދާނެއެވެ.                                    
5 -       މިވާހަކައާމެދު ތަޙުޤީޤީ ގޮތުން ވާހަކަދައްކާއިރު ޙައިރާންވާންޖެހޭ ކަމަކީ މިވާހަކަ، ލިޔެވުނު ތާރީޚީ ޙާލަތުތަކާ ބެހޭގޮތުން މުއައްރިޚުން ތަޙުޤީޤު ކުރައްވައި ހޯއްދަވާފައި ނެތްކަމެވެ. މިވާހަކައާ މެދު ވާހަކަދައްކައި ލިޔެހަދާއިރު އުފެދޭ އެންމެ ބޮޑު ސުވާލަކީ، މިނާދިރު މުހިއްމު އަދަބީ ތަރިކައިގެ މުސަންނިފަކީ ކޮބައިބާވައެވެ! އެމީހަކާމެދު މިއަދާހަމައަށްވެސް ވަނީ ތަފާތު ގޮތްގޮތަށް ބަހުސްކުރެވި އެކިގޮތްގޮތަށް ޚިޔާލު ފާޅުކުރެވިފައެވެ. ނަމަވެސް މިވާހަކަ ލިޔުނީ ކާކުތޯއާއި ލިޔެވުނީ ކޮންއިރަކު ކޮން ޤައުމަކުތޯ.................. މިފަދަ ސުވާލުތަކުގެ ޖަވާބު އަދިއަދަށްވެސް ވަނީ ނޭނގުމެއްގެ ތެރޭގައެވެ. ޢަރަބި މުއައްރިޚުންކުރެ އަލްމަސްޢޫދީ އާއި އިބުނުއްނަދީމް ލިޔުއްވާފައިވާ ގޮތުގައި މިވާހަކަ ފުރަތަމަ ލިޔެވުނީ ފާރިސީ ބަހުންނެވެ. ނަމަކީ '' ހަޒާރެ ދާސްތާން '' ( އެއްހާސްރޭ ) އެވެ. ފާރިސީ ބަހުން އޮތް ހަޒާރެ ދާސްތާން ޢަރަބި ބަހަށް ތަރުޖަމާ ކުރެއްވި ބޭކަލަކު ތަރުޖަމާކުރެއްވުމަށްފަހު ދެއްވި ނަމަކީ '' އަލްފު ލައިލާ '' ( އެއްހާސްރޭ ) އެވެ. .............. ޢަރަބި މުއައްރިޚުންވެސް މިއަށްވުރެ އިތުރަކަށް ހޯއްދަވާފައެއް ނެތެވެ.                                        
6 -        ޢަރަބި  މުޙައްޤިޤެއްކަމަށްވާ އިބުނު އިސްޙާޤުގެ ޚިޔާލުގައި،  މިވާހަކައިގެ އަސްލަކީ ފާރިސްކަރައިގެ (އީރާނުގެ) މީހުންނެވެ. މިވާހަކައަށް ވާހަކަތައް އިތުރުކުރެވުނީ އަޝްކާއީ ޚާންދާނުގެ ވެރިކަމުގެ ދުވަސްވަރުގައެވެ. ސާސާނީންގެ ވެރިކަމުގެ ދުވަސްވަރު އަނެއްކާ ވާހަކަތަކެއް އިތުރުކުރެވުނެވެ. ނަމަވެސް ޢަރަބިން އެމީހުންގެ ބަހަށް މިވާހަކަ ތަރުޖަމާކުރިއިރު އެވާހަކައިގައިވާ ބޭކާރު ބައިތައް ވަކިކޮށްލައި އެވާހަކައަކީ އަދަބީގޮތުން ފޭރާމާއި ފެންވަރު ރަނގަޅު ފޮތަކަށް   ހެދީއެވެ.    
7-         އަލިފުލައިލާގެ އަސްލު ކަމަށް ބެލެވިފައިވަނީ ދެކޮޕީއެކެވެ. އެއްފޮތުގައިވަނީ 1000 ރެއެވެ. މިއީ އަލްފު ލައިލާ ( އެއްހާސްރޭ ) އެވެ. އަނެއްފޮތުގައިވަނީ 1001 ރެއެވެ. މިއީ އަލްފު ލައިލާ ވަލައިލާ ( އެއްހާސްއެއްރޭ ) އެވެ. 1001 ރޭ އޮތް ފޮތާމެދު ވިސްނެނީ އެއީ ތަރުޖަމާއެއް ކަމުގައެވެ. 1000 ރޭ އޮތްފޮތާމެދު އަންދާޒާ ވަނީ އެއީ ސީދާ ޢަރަބި ބަހުން ލިޔެ ތަޞްނީފު ކޮށްފައި އޮތް ފޮތެއްކަމަށެވެ. ދެފޮތުގެ އެތަކެއް ވާހަކައެއްގައި ކޮންމެވެސް ވަރަކަށް ތަފާތު އެބަހުއްޓެވެ. ނަމަވެސް ދެފޮތުގެ އުސްލޫބު ހަމަ މުޅިން އެއްގޮތެވެ.                                                    
8 -        ބައެއް މުޙައްޤިޤުން ދެކެލައްވާ ގޮތުގައި މިވާހަކައިގައިވާ ވާހަކަތައް ތިންބާވަތަކަށް ބަހާލެވިދާނެއެވެ. ފުރަތަމަ ބާވަތަކީ ހިތްދަމައިގަންނަ، ވަރަށް ކިޔާހިތްވާ ކަހަލަ ވާހަކަތަކެވެ. މިބާވަތުގެ ވާހަކަތަކުން ޚިޔާލުގެ ފުންކަމާއި އުފެއްދުންތެރިކަމުގެ ބާރު އުތުރި އަރައެވެ. އަދި މިފަދަ ވާހަކަތަކަކުން ހިންދުސްތާނުގެ ތަންތަނާއި ވިދުވަރު ފެނެއެވެ. ދެވަނަ ބާވަތަކީ ޒުވާން ހިތްތަކަށް އަސަރުކުރުވާ ކަހަލަ ލޯބީގެ ޚިޔާލީ ރީތި ވާހަކަތަކެވެ. މިފަދަ ވާހަކަތަކުގެ މަރުކަޒެއް ކަމަށް ދައްކާފައިވަނީ އީރާނެވެ. ތިންވަނަ ބާވަތަކީ އެވާހަކަތަކުން ދިރިއުޅުމުގެ ތަފާތުކޮޅުތައް ރީތިކޮށް ހާމަކޮށްދީފައިވާ ވާހަކަތަކެވެ. މިވާހަކަތަކުން އެޒަމާނުގެ ޢަރަބި ތަހުޒީބާއި ރަށްވެހިކަމުގެ ކުލަވަރު ސާފުކޮށް ދައްކުވައިދެއެވެ. މިދެންނެވި ވާހަކަތަކުގެ އުޑިއަކީ ޢަރަބި ދުނިޔެކަމަށް ފެނެއެވެ. މިދެންނެވި ތިންބާވަތުގެ ވާހަކަތަކުގައިވެސް ބައިވެރިވާ ކަމަކީ އެހުރިހައި ވާހަކައެއްގެވެސް ފަސްމަންޒަރާއި ބިންގަލަކީ އިސްލާމީ މުޖުތަމަޢާއި އެޒަމާނުގެ އިސްލާމުންގެ ދިރިއުޅުމެވެ. ބޮޑަށް ދައްކުވައިދެނީ ޢަރަބީންކުރެ އިސްލާމުންގެ ދިރިއުޅުމާއި ވައްޓަފާޅިއާއި އާދަކާދައެވެ.                                                              
'' ފަތްތޫރައިގެ 227 ވަނަ ޢަދަދުގައި މުޙައްމަދު ވަޙީދު ނަދުވީ ލިޔުއްވާފައިވާ ލިޔުމަކުން ނަގާފައި ''
ދޭހައިގެ ސުވާލުތައް:
1.     ދުނިޔޭގެ އެންމެ ގިނަދުވަސްވީ އަދި އެންމެ މަޝްހޫރު ވާހަކައަށް ދިވެހިން ކިޔައި އެޅޭ ނަމަކީ ކޮބާ؟( 1މާކުސް )                                                      
2- ވާހަކަ އެހާ މަޝްހޫރުކޮށް ކެއްޗާ ހަމައަށް ނެގުމޭ '' ބުނާ ބަހުގެ މާނައަކީ ކޮބާ؟ ނުވަތަ މިކަމުން ދޭހަވަނީ ކޮންކަމެއް؟      ( 2 މާކުސް )
3- އަލިފު ލައިލާ ވާހަކައަށް އެންމެ ބޮޑު ޝައުޤުވެރި ކަމަކާއި ސަމާލުކަމެއް ދީފައިވަނީ ދުނިޔޭގެ ކޮންބައެއްކަން ހެއްކާއެކު ބަޔާންކޮށްދޭށެވެ! ( 2 މާކުސް )
4- ޔޫރަޕުގެ އަދަބިއްޔާތާއި އަލިފު ލައިލާ ވާހަކަޔާ  ހުރި އެންމެބޮޑު ގުޅުމަކީ ކޮބާ؟ ( 1 މާކުސް )
5- އަލިފު ލައިލާ ވާހަކައަށް މަޝްހޫރު ބައެއް ބޭބޭފުޅުން ދެއްވާ ޝައުޤުވެރިކަން ހާމަވަނީ ކޮންކަމަކުން؟  ( 3 މާކުސް )

6- ޔޫރަޕުގެ ލިޔުންތެރިޔަކު ހާމަކުރައްވާފައިވާ ގޮތުގައި '' މިވާހަކަ ލިޔުނީ ޔޫރަޕުގެ ކޮންމެވެސް މީހެކެވެ. މިޚިޔާލުން ދޭހަވަނީ ކޮންކަމެއް؟ ( 2 މާކުސް )
7- އަލިފު ލައިލާ ވާހަކަ އަކީ އަދަބީގޮތުން  މޮޅު ވާހަކައަކަށް ހެދީ ކޮންބަޔެއް؟   ( 1 މާކުސް )

8- އަލިފު ލައިލާ ވާހަކައިގައިވާ ވާހަކަތައް ބަހާލެވިފައިވާ ބައިތައް ބަޔާންކުރާށެވެ!  ( 3 މާކުސް )

9- '' މިދެންނެވި ވާހަކަތަކުގެ އުޑިއަކީ ޢަރަބި ދުނިޔެކަމަށް ފެނެއެވެ. '' މި ޢިބާރާތުގައި ބުނާ އެއްޗެއްގެ މާނަ އަމިއްލަ ޢިބާރާތުން ކުރުކޮށް ބަޔާންކުރާށެވެ!    ( 2 މާކުސް )
1-      ތިރީގައިވާ ބުރަފަތި ލަފުޒު ފުރިހަމަ ކުރާށެވެ.        (އިވެލުއޭޓިވް )    ( 2 މާކުސް )                  * ކަނާތުން ވާތަށް :                      * މަތިން ތިރިއަށް
1 – މާޒީގެ ވާހަކަތައް                     2 – ހުރިހާ ޒަމާނެއްގައި އެންމެންގެ ތާޢީދު ލިބުން
3 – ގިނަ ޒަމާންމީ ކާބަފައިންގެ މުދާ.           4 – އެހެން ޤައުމެއްގައި އެބަހެއް ނޯންނަ އެއްބަހަކުން ވާހަކަދައްކާ                                          މީހުން


4


















2

1























3
















*********************************************************************************


ޙަޤީޤީ ރޭން މޭން

1- އޭނާ ވަނީ 9 ހާސް ފޮތް ހިތުދަސްކޮށްފައެވެ.  މޫސުމް ކުރިއަށް ލަފާކޮށް ބުނެދެއެވެ. އޭނާގެ މައްޗަށް ހުޅަނގުންވަނީ ފިލްމެއް ތައްޔާރުކޮށްފައެވެ.
2- އޭނާއަކީ ބަލާބެލުމަށް ދެކޭ މީހެކޭ ހިތަށްއަރާ ކަހަލަ މީހެކެވެ. އޭނާ މަޑުމަޑުން އެއްޗެއް ކިޔައިލަ   ކިޔައިލައި ހުރެއެވެ. އަމިއްލައަށް ދައްކާ ވާހަކައަކީ އެއަރޕޯޓްތަކާ ބެހޭ ވާހަކައެވެ. ސްނޯވްއާ ބެހޭ ވާހަކައެވެ.
3- " މާދަމާއިން ފެށިގެން ފިނި މޫސުމް ފެށޭނެ" އޭނާ ބާރަށް ބުނެލިއެވެ. ބޯ ހޫރައިލިއެވެ. " ކަލޭގެ ފޮށިތަންމައްޗާ ބެހޭ އިތުރު މަޢުލޫމާތު ހޯދަންޏާ 3 ވަނަ ބެލްޓަށް ދާށެވެ." އޭނާ  އެކައްޗެއް  އެތައް ފަހަރަކު ތަކުރާރު ކުރެއެވެ. ހޮޓަލުގެ ލޮބީގައި ތިބި މީހުން ހައިރާންވެގެން އޭނާއާ ދިމާއަށް ބަލަހައްޓައިގެން ތިއްބެވެ. އެބައިމީހުން އެބަލަނީ ބޯ ބިއްލޫރީގެ އައިނެއް އަޅައިގެންހުރި ކިމް ޕީކްއަށެވެ. އޭނާއަކީ ސޯލްޓް ލޭކް ސިޓީގައި ދިރިއުޅޭ މީހެކެވެ. 35 އަހަރުވީ ކިމް އަކީ އޭނާގެ ރަށުގައި މަޝްހޫރު މީހެކެވެ.
4- ޑަސްޓިން އޮފް މަން އުޅުނު "ރޭން މޭން" ކިޔާ ފިލްމް ބެލިން ހެއްޔެވެ؟ ޙަޤީޤީ ރޭން މޭނަކީ ކިމް ޕީކް އެވެ. ކިމް އަކީ ސިކުނޑި ތަރައްޤީނުވެ ބޮޑުވެފައި ހުރި މީހެކެވެ. ނުކުޅެދޭ މީހެކެވެ. މިފަދަ މީހުންގައި ކޮންމެވެސް ކުޅަދާނަ ކަމެއް ހުރެއެވެ. ކިމް އަކީ މިފަދަ މީހުންގެ ތެރެއިންވެސް ފާހަގަކޮށްލެވޭ މީހެކެވެ. ތަފާތު ފަނަރަ މައުޟޫޢުގައި އޭނާއަކީ ކުޅަދާނަ މީހެކެވެ.
5- އޭނާގެ ސިކުނޑި ކަހަލަ އާދަޔާޚިލާފު ސިކުނޑިއެއް ލިބިފައިވާ މީހަކު މުޅި ދުނިޔޭގައިވެސް އުޅޭނެ ބާވައެވެ؟ އެމެރިކާގެ ޖައްވީ އިދާރާ (ނާސާ) އިން ކިމްގެ ސިކުނޑި ތަޙްލީލު ކުރަންވަނީ ބޭނުންވެފައެވެ.
6- ކިމް އާ ވާހަކަ ދެއްކުމަކީ އެހައި ފަސޭހަ ކަމެއްނޫނެވެ. ސަބަބަކީ އެއް ވާހަކައަކުން އަނެއް ވާހަކައަކަށް ބަދަލުވާލެއް އަވަސްކަމެވެ.
7- 1951 ގައި އޭނާ އުފަންވީއިރު އޭނާގެ ބޯ އާދައިގެ ކުދިންނަށްވުރެ މާބޮޑެވެ. ފުއްކިބައިން  ތަނެއް ދުޅަވެފައި ހުއްޓެވެ. ދުޅަވެފައި ހުރިތަން ޢުމުރުން ތިން އަހަރުގައި އޮބުނެވެ. 1983 ވަނަ އަހަރު އެކްސްރޭ ނެގުމުން އެނގުނީ ސިކުނޑީގެ  ދެފަޅީގެ ބަދަލުގައި ކިމްގެ ސިކުނޑީގައި ވަނީ އެއްފަޅިކަމެވެ. އޭނާގެ ޙަރަކާތްތައް ކޮންޓްރޯލެއް ނުކުރެވެއެވެ. އެހެންވީމާ ފެންވެރުމާއި ހެދުންލުން ފަދަ ކަންތަކުގައި މީހެއްގެ އެހީ ބޭނުންވެއެވެ.
8- ކުރީކޮޅުގައި ޑޮކްޓަރުން ބުނީ ކިމް އަކީ މޮޔައެއް ކަމަށެވެ. އެފަދަ ކުދިން ބަލަހައްޓާ ތަނަކަށް ލައިގެން ބަލަހައްޓަންވީ ކަމަށެވެ. އޭނާގެ މައިން ބަފައިން އެހެނެއް ނަހަދައެވެ. ކިމް ގޮވައިގެން ދިޔައީ ގެޔަށެވެ. ގޭގައި ފޮތްފޮތް ދައްކަން ފެށްޓިއެވެ. ޢުމުރުން ތިން އަހަރުގައި ބަސްފޮތުގެ ބޮޑެތި ބަސްބަސް ބުނެ މާނަ އަހަން ފެށްޓިއެވެ. ޢުމުރުން ހަތަރު އަހަރާ ބައި ވީއިރު އެންސައިކްލޮޕީޑިއާ ފޮތް ތަކުގެ ފުރަތަމަ 8 ފޮތް ހިތުދަސް ކުރިއެވެ. މިފަހަރު އެނގުނީ އޭނާގެ ކޮންމެ ލޮލަކުން ވަކި ފޮތެއް ކިޔޭ ކަމެވެ. ކޮންމެ ޞަފްޙާއެއްގައިވާ ކޮންމެ ލަފްޒެއް އެއް ސިކުންތު ތެރޭގައި ދަސްކުރާކަމެވެ.
9- މިހާރު އޭނާ ޝައުޤުވެރިކަން ދެނީ މިޔުޒިކަށެވެ. އިވޭ ކޮންމެ މިޔުޒިކެއް ހިތުދަސްކުރެއެވެ. ކުޑަކުއްޖެއްގެ ގޮތުގައި ހުރިއިރު އިވިފައިވާ ރާގެއް މިހާރު އަހާ އިރު ބަދަލެއް އައިސްފައިވާނަމަ އެކަން ފާހަގަކުރެއެވެ.

ދޭހައިގެ 1 ވަނަ ބައިގެ ސުވާލުތައް:
1- ހޮޓަލުގެ ލޮބީގައި ތިބި މީހުން ހައިރާންވެގެން ކިމްއާ ދިމާއަށް ބަލަހައްޓައިގެން ތިބީ ކީއްވެ؟       (1މާކުސް)                                                      
2- ކިމް ޕީކްގެ ސިކުނޑީގެ އެއްފަޅި ނެތް އިރުވެސް، ނާސާއިން އޭނާގެ ސިކުނޑި ތަޙުލީލުކުރަން  ނިންމީ އޭގައިވާ ޚާއްޞަ ކޮންކަމެއްގެ ސަބަބުންހެއްޔެވެ؟                                        (2މާކުސް)                                                                               
3- ދޭހައިގެ އެއްވަނަބައިގެ ލިޔުމުން، ލިޔުންތެރިޔާ ކިޔުންތެރީންނަށް އަންގައިދޭން ބޭނުންވަނީ ކޮންކަމެއް ހެއްޔެވެ؟
   (3 މާކުސް)

ދޭހައިގެ 2 ވަނަބައި:
ތިރީގައިވާ ލިޔުން ކިޔުމަށްފަހު އެ ލިޔުމާ ގުޅޭގޮތުން ދީފައިވާ ސުވާލުތަކަށް ޖަވާބުދޭށެވެ.

ރާއްޖޭގައި ތިބި ޚާއްޞަ އެހީއަށް ބޭނުންވާ މީހުން

1- ނުކުޅެދުންތެރިކަމަކީ، ހައްޔަރުގައި އިނުމުގެ ތެރޭގައި ނުވަތަ އުފަންވުމުގައި ދިމާވެފައިވާ ކަމަކުން ނުވަތަ ބައްޔެއް ޖެހިގެން ނުވަތަ އެކްސިޑެންޓަކުން މެދުވެރިވާ ޙާލަތެކެވެ. އޭގެ ތެރޭގައި ލޮލަށް ފެނުމުން މަޙުރޫމުވުމާއި، ވާހަކަ ދައްކަން ދަތިވުމާއި، އަޑުއިވުމުން މަޙުރޫމުވުމާއި، ހިނގާ ބިނގާވެ އުޅުމަށް ދަތިވުމާއި، ހިއްސުކެނޑުމާއި، ސިކުނޑީގެ ނުކުޅެދުންތެރިކަމާއި، ވެއްޓޭ ބަލިފަދަ ބަލިބަލި ހިމެނެއެވެ.
2- ދިވެހިރާއްޖޭގެ އާބާދީކަމުގައިވާ ދެލައްކަ ހަތްދިހަ ހާހަށްވުރެ ގިނަ މީހުންގެ 3.41 އިންސައްތަ އަކީ ނުކުޅެދޭ މީހުންނެވެ. އެހެންގޮތަކަށް ބުނާނަމަ، އިޖުތިމާޢީ ގޮތުންނާއި އިޤްތިޞާދީގޮތުން ކަންކަމުގައި ބައިވެރިވެ އުޅުމަށް ހުރަސް އަޅާ ޙާލަތެއްގައިވާ މީހުންނެވެ.
3- ބައިނަލް އަޤުވާމީގޮތުން، ނުކުޅެދޭ މީހުންނަކީވެސް އެހެން އިންސާނުން ފަދަ މީހުންނެވެ. އިންސާނީ ޙައްޤުތައް ލިބިދިނުމުގެ ނަޒަރުން ބަލާއިރު، ހަމަ މީހަކަށްވުރެ ނުކުޅެދޭ ޙާލަތެއްގައިވާ މީހަކަށް ދޭންޖެހޭ ޙައްޤުތައް ގިނައެވެ. އަދި އެފަދަ ޙާލަތެއްގައިވާ މީހަކު، ބާކީކޮށް ދޫކޮށްނުލައި، މުޖުތަމަޢުގެ އެހެންމީހުން ފަދައިން އުޅެވޭނެ މަގުތައް ތަނަވަސްކޮށްދިނުމަކީ، ބައިނަލް އަޤްވާމީ ނިންމުންތައް ބުނާގޮތުން ކުރަންޖެހޭނެ ކަމެކެވެ.
4- ދިވެހިރާއްޖޭގައި ނުކުޅެދޭ ޙާލަތުގައި އެންމެ ގިނަމީހުންތިބީ ލޮލަށް ފެނުމުން މަޙުރޫމުވެފައިވާ ބައިގައެވެ. އެބައިމީހުންނަށް ސަރުކާރުން ދެއްވާ ޚާއްޞަ ޢިނާޔަތެއްގެ ގޮތުގައި ކޮންމެ މީހަކަށް މަހަކު 300 ރުފިޔާ ދެއްވައެވެ. އަދި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް މަރުކަޒެއް ހައްދަވައި، އެ ތަނުގައި ސިކުނޑި ހަމަނުޖެހޭ މީހުން ބަލަހަޓަވަމުން ގެންދަވައެވެ.

5- ނުކުޅެދޭ ޙާލުގައިވާ މީހަކަށް ބޭނުންވަނީ ހަމްދަރުދީއެއް ނޫނެވެ. އޭނާ އަމިއްލައަށް ދިރިއުޅެވޭނެ ގޮތެކެވެ. ބާކީ ނުކުރުމެވެ. އޭނާގެ އެ ޙާލަތާއެކުވެސް އެހެންމީހުން އޭނާއަކީ އިންސާނަކު ކަމުގައި ދުށުމެވެ.
6- ދިރިއުޅުމަށް މަގުފަހިކޮށްދިނުމަށް، ސަރުކާރުގެ ފަރާތުންނާއި އަމިއްލަ ޖަމްޢިއްޔާތަކުން މަސައްކަތް ކުރައްވައެވެ. ސަރުކާރުން މާލޭގައި ހިންގަވާ ތިން އިސްކޫލެއްގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދީންނަށް ޢިލްމާއި ހުނަރު ދަސްކޮށްދެއްވުމަށް މަސައްކަތްތަކެއް ފަށްޓަވައިފައިވެއެވެ. އެ އިސްކޫލުތަކަކީ، ޖަމާލުއްދީނު އިސްކޫލާއި، ޣިޔާޘުއްދީނު އިސްކޫލާއި، ޢިމާދުއްދީނު އިސްކޫލެވެ. މި އިސްކޫލުތަކުގައި ހިންގަވާ ޚާއްޞަ ކިލާސްތަކުގައި އުޅޭ ޢަދަދަކީ މާބޮޑު ޢަދަދެއްނޫނެވެ. އެހެންނަމަވެސް މި ރޮނގުރޮނގުގެ ކުދީންނަށް ފުރުޞަތުތައް ހުޅުވައިލެވިފައިވާކަމީ މުހިއްމުކަމެކެވެ.
7- އަޅުގަނޑުމެން ދިވެހީންނަކީ، މުސްލިމުންކަމަށް ވީހިނދު ނުކުޅެދޭ ޙާލެއްގައި ތިބި ކުދީންނަށާއި މީހުންނަށް މުޖުތަމަޢުގެ އަޅާލުމާއި އޯގާވެރިކަން އޮންނަންޖެހޭނީ ވަކީން ޚާއްޞަގޮތަކަށެވެ. ނުކުޅެދުމަކީ ދިމާވެފައިވާ ޙާލަތެކެވެ. އެމީހެއްގައި ހުރި ކުޅަދާނަކަމަކާއި، މޮޅުކަމެއް ތަރައްޤީކޮށްދީ މުޖުތަމަޢުގައި ބައިވެރި ކުރުމަށް އެޅިފައިވާ ހުރަހެއް ނޫނެވެ.


ދޭހައިގެ 2 ވަނަ ބައިގެ ސުވާލުތައް :           
4- "ރާއްޖޭގައި ތިބި ޚާއްޞަ އެހީއަށް ބޭނުންވާ މީހުން" މި ލިޔުމުގެ ފުރަތަމަ ދެ ޕެރެގްރާފުން ދޭހަވާ ގޮތުގައި ނުކުޅެދޭ މީހުންނަކީ ކޮބައިހެއްޔެވެ ؟                                             (2 މާކުސް)
5- ނުކުޅެދޭ މީހުންނަށް ކޮންމެހެން ހޯދައިދޭންޖެހޭ ޙައްޤެއް ކަމަށް، މިލިޔުމުގައި ލިޔުންތެރިޔާ އިޝާރާތް ކުރަނީ ކޮންކަމަކަށް ހެއްޔެވެ؟                                                    (2 މާކުސް)                                                         
6- އަޅުގަނޑުމެން ދިވެހިންނަކީ މުސްލިމުން ކަމަށް ވީހިނދު، ނުކުޅެދޭ ޙާލެއްގައި ތިބި ކުދީންނަށާއި މީހުންނަށް މުޖުތަމަޢުގެ އަޅައިލުމާއި އޯގާވެރިކަން އޮންނަންޖެހޭނީ ވަކީން ޚާއްޞަގޮތަކަށް ކަމަށް މިލިޔުމުގައި ބުނެއެވެ. މި ލިޔުމުގައި އެބުނާ "ވަކީންޚާއްޞަ" ގޮތަކީ ކޮބައިހެއްޔެވެ؟                            (2މާކުސް)                                       
ދެ ލިޔުމަށް ބިނާކޮށްގެން ޖަވާބުދޭންޖެހޭ ސުވާލު :-
7- ދޭހައިގެ ދެލިޔުމަށް ބަލާއިރު ނުކުޅެދޭ މީހުންނާ ބެހޭގޮތުން އެންމެ ރަނގަޅު މެސެޖެއް ލިބެނީ މިތަނުން ކޮން ލިޔުމަކުންކަން ހެއްކާއެކު ކުރުކޮށް ބަޔާންކުރާށެވެ.                                       (3 މާކުސް)

ސުވާލުތަކަށް ޖަވާބު ދިނުމުގައި ދިމާވެފައި ހުރި މައްސަލަތަކާއި ރަގަޅު ކުރާނެގޮތް :

v       ސުވާލުގެ މަޤްޞަދާ ގުޅޭގޮތަށް ޖަވާބު ޢިބާރާތް ކުރުން:
v     ސުވާލު: ހޮޓަލުގެ ލޮބީގައި ތިބި މީހުން ޙައިރާން ވެގެން ކިމްއާ ދިމާއަށް ބަލަހައްޓައިގެން ތިބީ ކީއްވެ ހެއްޔެވެ؟
v     ޖަވާބު: - އޭނާ އެކައްޗެއް އެތައް ފަހަރަކު ތަކުރާރު ކުރެއެވެ.     ( ނުބައި ޖަވާބެއް )
     - ކިމްއަކީ އެކައްޗެއް އެތައް ފަހަރަކު ތަކުރާރު ކުރާ މީހެކެވެ. ( ނުބައި ޖަވާބެއް )
-    އެއީ ތަކުރާރުކޮށް އެއްވާހަކައެއް ދައްކާތީއެވެ.         ( ރަގަޅު ޖަވާބު )
v       އަމިއްލަ ޢިބާރާތުން ޖަވާބު ދިނުން :
v     ސުވާލު: ނުކުޅެދޭ މީހުންނަށް ކޮންމެހެން ހޯދަންޖެހޭ ޙައްޤެއް ކަމަށް މިލިޔުމުގައި ލިޔުންތެރިޔާ އިޝާރާތް ކުރަނީ ކޮންކަމަކަށް ހެއްޔެވެ؟
v     ޖަވާބު: - “އިންސާނީ ޙައްޤުތައް ލިބިދިނުމުގެ ނަޒަރުން ބަލާއިރު ހަމަމީހަކަށްވުރެ ނުކުޅެދޭ ޙާލަތެއްގައިވާ މީހަކަށް ދޭންޖެހޭ ޙައްޤުތައް ގިނައެވެ. އަދި އެފަދަ ޙާލަތެއްގައިވާ މީހަކު ބާކީކޮށް ދޫކޮށްނުލައި މުޖުތަމަޢުގެ އެހެންމީހުން ފަދައިން އުޅެވޭނެ މަގު ތަނަވަސް ކޮށްދިނުމަކީ ބައިނަލްއަޤްވާމީ ނިންމުންތައް ބުނާގޮތުން ކުރަންޖެހޭނެ ކަމެކެވެ.’’                ( ނުބައި ޖަވާބު )
    - މުޖުތަމަޢުގެ އެހެންމީހުން ފަދައިން ދިރިއުޅެވޭނެ މަގުތަނަވަސް ކޮށް ދިނުމަށެވެ. ( ރަގަޅު ޖަވާބު )
v       ޖަވާބަށް ބޭނުންވާ މިންވަރަށްވުރެ އިތުރަށް ނުލިޔުން :
v     ސުވާލު: މިލިޔުމުގެ ފުރަތަމަ ދެޕެރެގްރާފުން ދޭހަވާގޮތުގައި ނުކުޅެދޭ މީހުންނަކީ ކޮންބައެއް ހެއްޔެވެ؟
v     ޖަވާބު:- "އެއީ ހައްޔަރުގައި އިނުމުގެ ތެރޭގައި ނުވަތަ އުފަންވުމުގައި ދިމާވެފައިވާ ކަމަކުން ނުވަތަ ބައްޔެއް ޖެހިގެން ނުވަތަ އެކްސިޑެންޓަކުން ކަންކަމުގައި ބައިވެރިވެ އުޅުމަށް ހުރަސްއެޅޭ ޙާލަތެއްގައިވާ މީހުންނެވެ. އޭގެތެރޭގައި ލޮލަށް ނުފެންނަ މީހުންނާއި ވާހަކަ ނުދެއްކޭ މީހުންނާއި ހިއްސުތައް ކެނޑިފައިވާ މީހުންނާއި ސިކުޑީގެ ނުކުޅެދުންތެރިކަން ހުންނަ މީހުން ހިމެނެއެވެ." ( ނުބައި ޖަވާބު )
v                    - އިޖްތިމާޢީގޮތުންނާއި އިޤްތިޞާދީ ގޮތުން ކަންކަމުގައި ބައިވެރިވެ އުޅުމަށް ހުރަސްއަޅާ ޙާލަތެއްގައިވާ މީހުންނެވެ.                                (ރަގަޅު ޖަވާބު )

No comments:

Post a Comment