މިއީ ދިވެހި މާއްދާއާއި
ގުޅޭގޮތުން އެކި ބައިތަކުގެ މައުލޫމާތު ލިބިދޭ ވޯކްޝީޓް ހިމެނޭ ބައެކެވެ.
މިބައިގައި ދަރިވަރުންނަށާއި ބަސް ކިޔަވައިދެއްވާ މުދައްރިސުންނަށް ވަރަށް
ބޭނުންތެރި މުހިއްމު މައުލޫމާތުތަކެއް
ހިމެނިފައިވާނެއެވެ.
*****************************************************************************
އަދަބީ ފާޑުކިޔުން
·
އަދަބީ ފާޑު
ކިޔުމަކީ ކޮބާ؟
އަދަބި ފާޑު ކިޔުމަކީ އަދަބީ ގޮތުން ކޮށްފައިވާ
މަސައްކަތަކާ ބެހޭގޮތުން ތިމާއަށް ފެންނަ އެއްޗެއް ބަޔާން ކުރުމެވެ. މިގޮތުން ފާޑު
ކިޔާއިރު ރަގަޅާއި ނުބައި ފާހަގަކުރެއެވެ.
·
ވާހަކައަށް
ފާޑު ކިޔުން:
ވާހަކައަށް ފާޑު ކިޔާއިރު އެވާހަކަ ލިޔުއްވާފައިވާ
ލިޔުންތެރިޔާ ވާހަކަ ލިޔުއްވާފައިވާ ގޮތާބެހޭގޮތުން ބަލައި ދިރާސާ ކުރަން
ޖެހޭނެއެވެ. ލިޔުންތެރިޔާ އެވާހަކަ ލިޔުއްވާފައިވާ ގޮތާއި، ވާހަކައިގައި
ބަސްބޭނުން ކުރައްވާފައި ހުންނަގޮތާއި ލިޔުންތެރިޔާ ވާހަކައިގެ ސިފަކުރުން
ގެންނަވާފައިވާ ގޮތަށް ބަލައިލަން ޖެހޭނެއެވެ. ލިޔުންތެރިޔާ ވާހަކަ
ހުށައަޅުއްވާފައިވާ ސްޓައިލް ނުވަތަ އުސްލޫބާއި ބަސްކޮށާރު ގެންނަވާފައިވާ
ގޮތަށްވެސް ބަލައި ހުށައަޅުއްވާފައިވާ ގޮތުގެ މޮޅުދެރަމިން ބަޔާންކުރަންވާނެއެވެ.
ލިޔުންތެރިއަކު ނުވަތަ އަދީބަކު ލިޔުއްވާފައިވާ
ލިޔުއްވުމަކަށް އަދަބީގޮތުން ފާޑުކިޔާއިރު އުފެއްދުންތެރިގޮތަކަށް ވިސްނައި ތިމާގެ
ޚިޔާލު ފާޅު ކުރަންވާނެއެވެ. އެލިޔުމުގައިވާ އަދަބީ ރީތިކަމާއި އަސަރާއި
ޖަޒުބާތަށް ވެސް ބަލައިލަން ޖެހޭނެއެވެ.
·
ވާހަކައަށް
އަދަބީގޮތުން ފާޑުކިޔުމުގައި ބަލައިލަންވި ކަންތައްތައް:
1 - ވާހައިގެ ތީމު ނުވަތަ މައުޟޫޢު:
މިބައިގައި ބަލައިލާނީ
ފާޑު ކިޔަނީ ކޮންވައްތަރެއްގެ ނޫނީ ކޮންކަހަލަ ވާހަކައަކަށް ތޯއެވެ. ލޯބީގެ ނުވަތަ
ހިތާމަވެރި ވާހަކައެއްތޯއެވެ. ވާހަކައިން މުޖުތަމަޢަށްދޭ މެސެޖުވެސް ތީމުގެ
ބައިގައި ހިމެނެއެވެ. ވާހަކަ ބިނާ ކޮށްފައިވާ މަޤްޞަދަކީ މިއީ ކަމަށްވާތީ
މިބަޔަށްވެސް އަލި އަޅުވާލުމަކީ ވަރަށް މުހިއްމު ކަމެކެވެ. މިބައިގައި ވާހަކައިގެ
ފެށުމާއި ނިންމުން ގެނެސްފައިވާ ގޮތަށްވެސް ބަލައިލެވިދާނެއެވެ.
2 - ވާހަކަ ކިޔައިދީފައި ވާގޮތް:
ލިޔުންތެރިޔާ ވާހަކަ ހުށައަޅުއްވައި ދެއްވާފައި ވާގޮތް
ބަޔާން ކުރާނީ މިބައިގައެވެ. ލިޔުންތެރިޔާ ވާހަކަ ގެނެސްދީފައިވަނީ ފުރަތަމަ
މީހާގެ ނަޒަރުންތޯ ނުވަތަ ތިންވަނަ މީހާގެ ނަޒަރުންތޯ ބަލާއިރު ބައެއްފަހަރު
ނަޒަރު ބަދަލުވެފައި ހުރެދާނެކަމަށް ވިސްނަން ވާނެއެވެ. މިއަށް ވިއު ޕޮއިންޓް
ބަދަލުވުމޭވެސް ކިޔައެވެ. ފުރަތަމަ މީހާގެ
ނަޒަރުން ވާހަކަ ލިޔާއިރު ހުންނާނީ އަހަރެންނޭ ކިޔައިގެންނެވެ . ތިންވަނަ މީހާގެ
ނަޒަރުން ކިޔައިދޭއިރު ހުންނާނީ ހުރިހާ
ކަމެއް އެނގޭ މީހާ ވާހަކަ ދައްކާ ގޮތަށެވެ.
3 - ވާހަކައިގައި އުޅޭ ޝަޚުޞިއްޔަތު:
މިބައިގައި ބަލައިލާނީ ވާހަކައިގައި އުޅޭ ޝަޚުޞިއްޔަތުގެ ޒާތާއި، ޝަޚުޞިއްޔަތު ހާމަކޮށްދީފައިވާއިރު ލިޔުންތެރިޔާ އެ ޝަޚުޞިއްޔަތެއް ހުށައަޅުއްވާފައިވާގޮތް
ހާމަކޮށްދިނުމަށެވެ. މިގޮތުން ވާހަކައިގައި އުޅޭ ޝަޚުޞިއްޔަތުންގެ އުޅުން ހުރި
ގޮތާއި، ވާހަކަދެއްކުން ހުންނަގޮތާއި، މީހުންނާމެދު
އަމަލުތައް ބަހައްޓާގޮތާމެދު ބަލައި ފާޑު ކިޔަން ވާނެއެވެ. މިގޮތަށް ފާޑު ކިޔާއިރު
ޝަޚުޞިއްޔަތުގެ ޚާއްޞަ ސިފަތަކަށް ރަގަޅަށް އިންސާފު ކުރަން ވާނެއެވެ.
4 - ދެކެވޭ ވާހަކަ / ޑައިލޮގް:
މިއީ ވާހަކަ ހުށައަޅައިފައިވާއިރު ވާހަކައިގެތެރޭގައި
ޑައިލޮގް ބޭނުންކޮށްފައިވާ ގޮތެވެ. ފަސޭހައިން މާނަ ދޭހަވާގޮތަށް ޑައިލޮގް
ގެނެސްފައިވޭތޯ ބަލާއިރު އެ ދައްކާ ވާހަކަތައް ގެނެސްފައިވަނީ ވާހަކަ ދައްކާ
ގޮތަށްތޯ (ޠަބީޢީ ގޮތަށް) ބަލަންވާނެއެވެ.
ވާހަކަ ލިޔުންތެރިން ތަފާތު ގޮތްގޮތަށް ޑައިލޮގް ހުށައަޅުއްވައެވެ.
ބައެއްފަހަރު ޖުމްލަ ނިންމާފައި ހުރެއެވެ. އަނެއްބައި ފަހަރު ޢާއްމު
ދިރިއުޅުމުގައި ހަމަ ވާހަކަދައްކައި އުޅޭގޮތަށްވެސް ނިންމާފައި ހުރެއެވެ.
ފާޑުކިޔާއިރު މިކަންކަން ފާހަގަކޮށް ރަގަޅަށް ވިސްނައިގެން ބަޔާން ކުރާށެވެ.
5 - ވާހަކައިގެ ފްލޯ:
ވާހަކައިގައި ހިނގާ ކަންތައްތައް އެއްކަމެއް އަނެއްކަމަކާ
ގުޅުވާލައިގެން ގެނެސްދޭން ވާނެއެވެ. މިގޮތަށް ގެންނައިރު ކަންތައްތައް ތަރުތީބުން
ފަސޭހައިން ދޭހަވާ ގޮތަށް ގެނައުމަކީ ވަރަށް މުހިންމު ކަމެކެވެ. ވާނުވާ ސާފުވާނީ
ފަސޭހަގޮތަކަށް ހުށައަޅާފައި ވާނަމައެވެ.
އެއް ހާދިސާއިން އަނެއް ހާދިސާއަށް ބަދަލުވާއިރުވެސް މިގުޅުން ހުންނަން
ޖެހޭނެއެވެ. ވާހަކައިގެ ފްލޯއެއް ހުރުމަކީ މިއީއެވެ.
6 – ސިފަކޮށްދިނުން:
ވާހަކައިގައި އުޅޭމީހުންނާއި، ވާހަކައިގައި ހިނގާ
ކަންތައްތަކާއި، ވާހަކައިގެ މަންޒަރުތަކާއި، ތަންތަން
ސިފަކޮށްދީފައިވާ ގޮތަށް ބަލައިލާނީ މިބައިގައެވެ. ކުރުވާހަކައެއްގައި މާބޮޑަށް ސިފަކުރުން
ގެނެސްދީފައި ނުވާނަމަވެސް ދިގުވާހަކައިގައި ތަފްސީލުވާގޮތަށް ސިފަކުރުން
ގެނެސްދީފައި ހުރެއެވެ. ވާހަކައިގައި ހިނގާ ކަންތައްތަކާއި ސިފަކުރުމާ ވަރަށް
ބޮޑަށް ގުޅުވަންޖެހެއެވެ.
މީގެއިތުރުން ވާހަކައިގެ ލިޔުންތެރިކަން ހުށައަޅައިދީފައިވާއިރު
ޖުމްލަތައް ހުށައަޅާފައިވާގޮތާއި ޖުމްލަތަކުގެ ދިގު، ކުރުމިނާއި މިކަންކަމަށްވެސް ބަލައިލަން ވާނެއެވެ. ވާހަކައަށް ފާޑު ކިޔާއިރު ބޮޑަށް ވިސްނާނީ ސުވާލު
ބިނާކޮށްފައިވާ ގޮތަށް ބަލައި ޖަވާބު ބައްޓަން ކުރުމަށެވެ. މިސާލު ނުވަތަ ތަފްސީލު
ހިމެނުމަކީ ޖަވާބު ފުރިހަމަވުމަށް ލިބޭ ވަރަށްބޮޑު ބާރަކަށް ވާނެކަން ކަށަވަރެވެ.
ކުރުވާހަކައިގެ ނަމޫނާ:
1-
ކުރުވާހަކަ (ޞާދިގުގެ ކުރީގެ ކުރުވާހަކަތައް) (05 މާކުސް)
h-
"އަލަގަހަކުން ކެޔޮނިރެއް" މި ކުރުވާހަކައިގައި އުޅޭ ޖުވައިރިޔާ އޭނާގެ
ޙަޔާތުގެ ހުރިހާ ސިއްރުތަކެއް ކިޔައިދިނުމުން އޭނާޔާމެދު ވާހަކައިގެ ބަޠަލް
(ލިޔުންތެރިޔާ) ދެކެމުން އައިގޮތަށް ބަދަލެއް އައި ހެއްޔެވެ؟ ވާހަކައިން ހެކި
ދައްކާށެވެ. (ޖަވާބު 10 ފޮޅުވަތަށް ވުރެ ދިގު ނުކުރާށެވެ.
(h)
ވާހަކައިގެ ބަޠަލު ދެކެމުން އައި ގޮތަކަށް ބަދަލެއް ނާދެއެވެ. ވާހަކަތައް ކިޔައިދީ
ނިމުމަށްފަހު، ޖުވައިރިޔާ (ސޯސަން) ބަޠަލް ގާތުގައި އޭނާގެ ހާލު ބަލައިލަން
މަދުމަދުން އައިސް ދިނުމަށް އެދުމުން އެކަމާ ބަޠަލް އެއްބަސް ވިއެވެ. އަދި ސޯސަން
އޮފީހުން ކެނޑުމުން، އޮފީހުގެ ބައެއް މީހުން ރަށްޓެހިކަން އޮންނަނީ
ހަމައެކަނި ވަކިތަނެއްގައި ކަމަށް ބުނުމުން އެކަމާމެދު އެކުވެރިޔާ ދެކޭގޮތްވެސް
ތަފާތު ވިއެވެ. ބަޠަލް ކުރިންވެސް ސޯސަން ދެކެމުން އައީ އޭނާގެ އެކުވެރިއެއްގެ
ގޮތުގައެވެ. ފަހުންވެސް ދެކެމުން އައީ ހަމަ އެގޮތަށެވެ. ސޯސަން އަޒީއަށް ސިޓީ
ލިޔުނު ވާހަކަވެސް ބަޠަލް ގާތުގައި ބުނެއެވެ. އަދި އޭނާ ކަންތައް ކުރަން ނިންމާ ގޮތްތައްވެސް
ބަޠަލާއެކު ޙިއްޞާކުރެއެވެ. މީގެ އިތުރުން ސޯސަންގެ ކައިވެނީގެ ޙަފްލާއަށްވެސް
ބަޠަލް ދިޔައެވެ. އަދި ސޯސަން ވިހާ ގަދަވި ފަހުންވެސް ބަޠަލް އެގެއަށް ދެއެވެ.
އެމީހުންގެ ދަރިފުޅުގެ ޙަޤީޤަތް އެނގޭ އިރުވެސް އެވާހަކަ އެއްވެސް މީހެއްގެ
ގާތުގައި ނުބުނީ އެދެމެދުގައި އޮތް އިތުބާރާއި ގުޅުމަށް ބަދަލު ނާންނާތީއެވެ.
އެހެންކަމުން އެސިއްރު އެނގުނަކަސް ޖުވޭރިޔާއާމެދުގައި ބަޠަލު ދެކެމުންއައި
ގޮތަކަށް ބަދަލެއް ނާދެއެވެ.
ދިގުވާހަކައިގެ ނަމޫނާ :
2- ދިގުވާހަކަ (ޙަޔާތުގެ ނިމުން) (05 މާކުސް)
ހ- "ޙަޔާތުގެ
ނިމުން" މިވާހަކައިގެ ބަޠަލާ މެދުވެރިކޮށް، ރާއްޖޭގެ އަންހެން ދަރިންނާމެދު
ލިޔުންތެރިޔާ ކުރައްވާ ތަޞައްވުރަކީ ކޮބައިހެއްޔެވެ؟ ވާހަކައިން ހެކި ދައްކާށެވެ.
(ޖަވާބު 10 ފޮޅުވަތަށް ވުރެ ދިގު ނުކުރާށެވެ.)
(ހ)
ރާއްޖޭގެ އަންހެން ދަރިންނަކީ ގައުމަށް ފައިދާހުރި ރޮގުރޮގުން ތަޢުލީމް ޙާޞިލްކޮށްގެން
ތިބި ކުދިންނަށް ވުމެވެ. މިގޮތުން ވާހަކައިގައި ވަފިއްޔާ އެވަގުތަށް ގައުމަށް މުހިއްމީ
ނަފްސާނީ ގޮތުން މީހުންނަށް އެހީވެދޭނޭ މީހެއްގެ ގޮތުގައި ކަމަށް ފެންނާތީ
ސައިކޮލޮޖީ ކިޔަވަން ދިޔައެވެ. ވަފިއްޔާ ދުށީ އެންމެންނަކީވެސް ގައުމީލޯބި
ވަރަށްބޮޑަށް އަށަގެންފައިތިބި ބައެއް ކަމުގައި ވުމެވެ. މިގޮތުން ވަފިއްޔާގެ
ލޯބިވެރިޔާއާ އޭނާ ވަކިވި ހިސާބުން، ބަދަލެއް ނުވާ ލޯތްބަކީ ގައުމީ ލޯބިކަން އޭނާއަށް އެގުނުކަން ވާހަކައިގައި
ގެނެސްފައި ވެއެވެ. ދިވެހި އަންހެނުންނަކީ ކަންކަން ކުރުމަށް އިސްނަގާ
ހިންގުންތެރި ބަޔަކަށް ވުމަށް ވަފިއްޔާ އުންމީދު ކުރެއްވިއެވެ. ވާހަކައިގައި
ވަފިއްޔާއަކީ ތަފާތު ކުޅިވަރުގެ ދުނިޔޭގައިވެސް ފިޔަޖެހި ތަރިއެކެވެ.
މިވާހަކައިގައި ވަފިއްޔާއަކީ ހޮކީ އާއި ޓެނިސްކުޅޭ މީހެކެވެ. ހޮކީ ޓީމާއި
ޓެނިސްޓީމުގެ ކެޕްޓަނުކަމަށް ގެންނަވާފައި އޮތުމުން މިކަން ހާމަވެއެވެ. ވަފިއްޔާ
ތަފާތު ކޮމިޓީ ތަކުގެ ރައީސްކަން ކުރައްވާފައިވެއެވެ. މިކަމުން އަންހެނުން ސިޔާސީ
މައިދާނަށް ނުކުތުމަށް ވަފިއްޔާ ބާރުއަޅުއްވާ މިންވަރު ދޭހަވެއެވެ. އަދި ދިވެހި
އަންހެނުންނަކީ ވާހަކަ ދެއްކުންތެރި، އެމީހުންގެ ބަސް ދިވެހި މުޖުތަމަޢުގައި ވިކޭ ބަޔަކަށް ވުމަށް ވަފިއްޔާ
އެދިވަޑައިގަތެވެ. އަމިއްލަ އެދުމަށްވުރެ ގައުމުގެ ކުރިއެރުން އިސްކުރާ ބަޔަކަށް ވުމަށް
ވަފިއްޔާ ހިތްވަރު ދެއްވާފައިވެއެވެ. މީގެ ހެއްކަކީ ބޭރު ޔުނިވަރސިޓީއަކުން ލިބުނު
ވަޒީފާ ދޫކޮށް، ރާއްޖެއަށް ޚިދުމަތް ކުރަން އައިކަމެވެ.
*******************************************************************************
ބައޮގްރަފީ އާއި އޮޓޯބައޮގްރަފީ
·
ބައޮގްރަފީ
އަކީ ކޮބާ؟
މިއީ އެހެން
މީހެއްގެ ޙަޔާތާބެހޭގޮތުން ތަފްޞީލްކޮށް ލިޔާލިޔުމެކެވެ. މަޝްހޫރު، މޮޅުމީހުންނާ ބެހޭގޮތުން ބައޮގްރަފީ ލިޔެފައި ހުރެއެވެ. މި ލިޔުން ލިޔެފައި
ހުންނަނީ 3 ވަނަ މީހާގެ ނަޒަރުންނެވެ.
·
އޮޓޯބައޮގްރަފީ
އަކީ ކޮބާ؟
މިއީ މީހަކު
އެމީހާގެ އަމިއްލަ ޙަޔާތާ ބެހޭގޮތުން ލިޔެފައިވާ ލިޔުމެކެވެ. އޮޓޯބައޮގްރަފީ
ލިޔާނީ ފުރަތަމަ މީހާގެ ނަޒަރުންނެވެ.
·
އޮޓޯބައޮގްރަފީ
އާއި ބައޮގްރަފީގައި ހިމެނޭ ބައިތައް:
-
ފެށުން /
ތަޢާރަފް :
މިބައިގައި ހިމަނާނީ
ލިޔަނީ ކާކާބެހޭގޮތުން ކަމާއި، އުފަންވީ ދުވަސްވަރެވެ. ޢާއިލާގައި ހިމެނޭ އެންމެންގެ ނަންތައް
ނުހިމެނިޔަސް މަންމައާއި ބައްޕަގެ ވާހަކަ ހިމަނާލަންވާނެއެވެ.
-
ޙަޔާތުގެ އުސްއަލިތައް :
މިއީ މައިގަނޑުގައި ހިމެނޭ ބައިކަމަށްވާތީ
މިބައި ގެންނަންވާނީ ވީހާވެސް ބާރުގަދަވާފަދަ ގޮތަކަށް، ދީފައިވާ ސުވާލުގައި ބޮޑަށް ބާރުއަޅާފައިވާ ބަޔަކަށް އަމާޒުވާގޮތަށެވެ.
އެގޮތުން އެ ލިޔާ ޝަޚްޞިއްޔަތުގެ މުހިއްމު މަޢުލޫމާތު ހިމަނާއިރު އޭނާގެ ތަޢުލީމީ
ޙަޔާތުގެ މައްޗަށް ކުރުވާހަކަ ކޮޅަކާއި، އެދާއިރާއިން ލިބުނު ކާމިޔާބީތަކުގެ
މައްޗަށް ބޮޑަށް ބާރު އަޅަންވާނެއެވެ. ކާމިޔާބު ޙާޞިލްކުރުމުގައި ދިމާވި
ދަތިތަކާއި، ލިބުނު ތަޖުރިބާއާއި، އިޙްސާސްތައް ސިފަކޮށްދީފައި ހުންނާނީވެސް މިބައިގެ ތެރޭގައެވެ. ޅަފަތުގެ
ދައުރާއި، ތަޢުލީމީ ދައުރާއި، ޢަމަލީ މައިދާން ނުވަތަ އޭނާގެ ތަޖުރިބާތައް މިބައިން އެނގެންވާނެއެވެ.
-
ނިންމުން :
މިއީ ބައޮގްރަފީ
/ އޮޓޯބައޮގްރަފީ ލިޔާ ޝަޚްޞިއްޔަތާ ބެހޭގޮތުން ޖުމްލަގޮތެއްގައި ދައްކާ ވާހަކަ ގެންނަ
ހިސާބެވެ. އޮޓޯބައޮގްރަފީ ނުވަތަ ބައޮގްރަފީގެ ނިންމުން ގެންނައިރު މިހާރު
އެޝަޚްޞިއްޔަތެއް ދުނިޔޭގައި ހުރިކަމަށްވާނަމަ އެވާހަކައާއި، އަދި ޒަވާޖީ ޙަޔާތެއް ފަށާފައިވާނަމަ ޢާއިލާއާއި ދަރިންތިބި ޢަދަދު ނޫނީ
ދުނިޔެ ދޫކޮށްފައިވާނަމަ އެކަން ބަޔާންކުރަންވާނެއެވެ. ( އޮޓޯބައޮގްރަފީގައި
ދުނިޔެ ދޫކުރިވާހަކައެއް ނުގެންނާނެއެވެ. )
މިބައިތައް ހިމެނޭގޮތަށް ލިޔާއިރު ވިސްނާނީ އެޝަޚްޞިއްޔަތުގެ ދިރިއުޅުމުގެ
މަރުޙަލާތަކުގެ ވާހަކަ ގުޅިގެން އަންނަގޮތަށް އަދި އެވާހަކަތަކުގެ މެދުގައި
ފްލޯއެއް ހުންނާނެހެން ހާދިސާތަކާއި، ހުށަހަޅާ ކަންތައްތައް، ތަރުތީބުން ބަޔާންކުރުމަށެވެ. ބަޔާންކުރުމުގެ
ރީތިކަމަކީ ލިޔުންތެރިކަން ވަރުގަދަ ކޮށްދޭނޭ ކަމެކެވެ.
********************************************************************************
މޮޅު މަޒުމޫނަކީ ކޮބާ؟
********************************************************************************
މޮޅު މަޒުމޫނަކީ ކޮބާ؟
އެހެނިހެން ބާވަތް ބާވަތުގެ ލިޔުންތަކުގެ މޮޅުދެރަ ކަނޑައަޅާ ބީދައިން
މަޒުމޫނުގެ މޮޅު ދެރަވެސް ކަނޑައެޅިދާނެއެވެ. އެހެނީ މަޒުމޫނަކީވެސް ވަކިކަހަލަ
އުސޫލެއްގެ މައްޗަށް ބިނާކޮށްގެން ލިޔާ ލިޔުމަކަށްވާތީއެވެ. އަދި މަޒުމޫނަކަށް
މާކުސް ދިނުމުގައި ބަލަންޖެހޭ ކަންތައްތަކެއް ހުންނާތީއެވެ. އެގޮތުން މި ބަލައިލަނީ
މޮޅު މަޒުމޫނެއްގައި ހުންނަންޖެހޭ ޝަރުތުތަކާއި، މަޒުމޫނަކަށް މާކުސް ދިނުމުގައި ބަލާ ކަންތައްތަކުގެ
މައްޗަށެވެ.
·
މޮޅުމަޒުމޫނެއްގައި ހުންނަންޖެހޭ ޝަރުޠަތައް :
1.
މޮޅުފެށުމެއް
އޮތުން :
މޮޅުފެށުމެއްކަމަށް ބަލަނީ އެ މަޒުމޫނެއްގެ، މައިގަނޑުގައި ބަޔާންކުރާ މުހިންމު ނުކުތާތަކަށް އަލި އެޅޭފަދަ ފެށުމެވެ. މިފެށުމަކީ ޝައުޤުވެރި، ކިޔާހިތްވާކަހަލަ
ޢިބާރާތްކޮޅަކަށް ވާންވާނެއެވެ. އަދިހަމައެހެންމެ، ކިޔާމީހާގެ ހިތްލަންބުވާލާފަދަ
ވާހަކަ ކޮޅަކަށް ނުވަތަ ސުރުޚީ،
މައިގަނޑަށް ހުޅުވާލާފަދަ ވާހަކަކޮޅަކަށް ވާންވާނެއެވެ.
2.
އޮއްޓަރު ހުރި
ހަރުދަނާ މަޢުލޫމާތު ހުރުން :
މޮޅު މަޒުމޫނެއްނަމަ ކިޔާ މީހުން ޝައުޤުވެރިވާފަދަ
އާ މަޢުލޫމާތު ހުންނަން ވާނެއެވެ. މިފަދަ މަޢުލޫމާތު ހުށަހަޅާފައި ހުންނަންވާނީ
ސާބިތު ހެކި ނުވަތަ ދަލީލު ދައްކައިގެން ކިޔައިމީހާއަށް ޤަބޫލުކުރެވޭ ފަދަ
މޭރުމަކުންނެވެ. އަދިހަމައެހެންމެ އެއީ ޞައްޙަ، ތެދު މަޢުލޫމާތަށް ވާންޖެހޭނެއެވެ.
3.
އުފެއްދުންތެރި
އާ ޚިޔާލު ހުށަހެޅުން :
ޚިޔާލީ މަޒުމޫނުފަދަ އުފެއްދުންތެރި
މަޒުމޫނެއްނަމަ ހުށަހަޅާ ޚިޔާލުތަކަކީ އާ ޚިޔާލުތަކަކަށް ވާންޖެހޭނެއެވެ. އަދި އެ
ހުށަހަޅާ ޚިޔާލުތަކަކީ ޤަބޫލުކުރެވޭފަދަ ހަރުދަނާ ޚިޔާލުތަކަކަށް ހެދުމަށްޓަކައި
މިސާލު ދައްކަން ޖެހޭނެއެވެ.
4.
އޮމާންކަމާއެކު
މަޢުލޫމާތު، ޚިޔާލު ހުށަހެޅުން :
އޮމާންކަމާއެކު ޚިޔާލު
ހުށަހެޅުމަކީ އެއްޕެރެގުރާފެއް އަނެއްޕެރެގުރާފަކާ ގުޅުވައިލައިގެން މަންތިގީ
(ލޮޖިކަލް) ގޮތަކަށް ވަކި ތަރުތީބަކުން ޚިޔާލުތައް، އަދި މަޢުލޫމާތުތައް
އަތުރައިލުމެވެ. އެއީ މަޒުމޫނު ކިޔާމީހާއަށް ފަސޭހަކަމާއެކު، ފަހުމްވާނޭފަދަ
ތަރުތީބަކުން ލިޔުމެވެ.
5.
މުހިންމު
ކޮންމެ ނުކުތާއެއް ވަކި ޕެރެގްރާފެއްގައި ބަޔާންކުރުން :
މަޒުމޫނުގެ މައިގަނޑުގައި ލިޔާ ކޮންމެ ޕެރެގުރާފެއް އޮންނާނީ މައިގަނޑު
ނުކުތާއެއްގެ މައްޗަށެވެ. ނުކުތާ ތަފުސީލުކޮށްދީ، ހާމަކޮށްދީ، އޮޅުން ފިލުވައިދިނުމުގެ ގޮތުން ގެންނަ ބާރުދޭ
ޖުމްލަތަކުގެ މެދުގައި ގުޅުން ހުންނަންވާނެއެވެ. މިގޮތުން ކިޔުންތެރިންގެ ހިތުގައި
ސުވާލު ނުއުފެދޭ މިންވަރަށް އެނުކުތާއެއް ބަޔާން ކުރަންވާނެ އެވެ. ތަފާތު
ނުކުތާއެއްނަމަ ގެންނާނީ އާ ޕެރެގުރާފެއްގައެވެ.
6.
ޢިބާރާތްތައް
ބަދަހިވެފައި ރީތިވުން :
ފަސްވަނަ ޝަރުތުގައި ބަޔާންކޮށްފައިވާ ފަދައިން ޖުމުލަތައް އަތުރާލުމުން
ޢިބާރާތްތައް ހުންނާނީ ބަދަހިކޮންނެވެ. ނަމަވެސް ޢިބާރާތްތައް ރީތިކުރުމަށްޓަކައި
ބަސްތައް ފަށުއިކޮށްލުމަކީވެސް މަޒުމޫނަށް ފުރިހަމަކަން ލިއްބައިދޭނެ ކަމެކެވެ.
މިގޮތުން އެއްމާނައެއް ދޭހަވާ ތަފާތު ބަސްތައް ހިމެނުމާއި، އާބަސްތައް ކޮންމެވެސް
ވަރަކަށް ބޭނުންކޮށްލުމުން މަޒުމޫނަށް އަދަބީ ކުލަވަރު އައިސް ރީތިވެއެވެ. އަދަބީ
ރަހައާއި، އަދަބީ މީރުކަން އެކުލެވޭފަދަ
ޢިބާރާތްތައް ހުރުމުން މަޒުމޫނު ކިޔާހިތްވެ، ޝައުޤުވެރިކަން އިތުރުވެއެވެ. މިކަން ފުރިހަމަކުރެވޭނީ
ލިޔުންތެރިޔާގެ ކިބައިގައި މުއްސަނދި ބަސްކޮށާރެއް ހުރުމާއެކު ލަފުޒުތައް އާ
ގޮތްގޮތަށް ބޭނުންކުރުމުގެ ހުނަރު ހުރެގެންނެވެ.
7.
އަދަބީ
ކުށްތައް ނެތުން :
އަދަބީ ކުށްތައް ކަމުގައި ބަލަނީ ޢިބާރާތްކުރުމުގެ މައްސަލަތަކާއި، ޤަވާޢިދާއި، އިމްލާގެ ކުށްތަކެވެ.
މޮޅު މަޒުމޫނެއްގައިނަމަ ޤަވާޢިދުގެ މައްސަލަތަކާއި، ޢިބާރާތުގެ މައްސަލަތައް ހުރެގެން ނުވާނެއެވެ. އަދި
އިމްލާގެ ކުށްތައް މަދުވާނެއެވެ. މިޝަރުޠުތައް ފުރިހަމަ ކުރަން ބޭނުންނަމަ
މަޒުމޫނު ލިޔެ ނިންމުމަށްފަހު ފަރުވާތެރި ކަމާއެކު ކިޔައިލުމަކީ މުހިންމުކަމެކެވެ.
8.
މޮޅު
ނިންމުމެއް އޮތުން :
ފެށުން މޮޅުވާން ޖެހޭ ފަދައިން
ނިންމުން ވެސް މޮޅުވާން ޖެހެއެވެ. ނިންމުމެއްގެ މޮޅު ދެރަކަން އެގޭނީ
މަޒުމޫނެއްގައި ގެނެސްފައިވާ ނުކުތާތަކަށް ރިޢާޔަތް ކޮށްގެންނެވެ. މިގޮތުން
މުހިންމު ނުކުތާތައް ޚުލާޞާކޮށްލައިގެން ގެންނަ ޢިބާރާތްކޮޅަކުން ނުވަތަ
މައިގަނޑަށް ރިޢާޔަތްކޮށް ބުނާ ހަރުދަނާ ވާހަކައަކުން މަޒުމޫނު ނިންމައިފައިވާ
ހުރެއެވެ. އަދި ހަމައެހެންމެ އެހެންމީހަކު ބުނެފައިވާ ( މަޒުމޫނުގެ މައިގަނޑު
ނުކުތާތަކާ ގުޅޭ ) ވާހަކަ ކޮޅަކުންވެސް މޮޅެތި މަޒުމޫނުތައް ނިންމާފައިހުރެއެވެ.
ނިންމުން މޮޅުވާނީ ވަކި މިވެނިގޮތަކަށް އޮތުމުންނޭ ބުނުމަކީ ދަތި ކަމެކެވެ. ތަފާތު
ބާވަތްތަކުގެ މަޒުމޫނު މޮޅުވާނީ ތަފާތު ގޮތްގޮތަށް ނިންމައިގެންނެވެ.
މަޒުމޫނަށް މާކުސް ދިނުމުގައި ބަލާ
ކަންތައްތައް :
1. މަޢުލޫމާތުގެ ހަރުދަނާކަމާއި ޞައްޙަކަން.
2. ޚިޔާލުތަކުގެ ހަރުދަނާކަމާއި އުފެއްދުންތެރިކަން.
3. ޢިބާރާތްތަކުގެ ސާފުކަމާއި ސާދާކަން.
4. ބަސްކޮށާރުގެ ރީތިކަމާއި
މުއްސަނދިކަން.
5. ޚިޔާލުތައް، މަޢުލޫމާތުތައް
ޕެރެގްރާފްތަކަށް ބަހައިލުމާއި އަތުރާފައިވާގޮތް.
6. ޕެރެގުރާފުގައި ބާރުދޭ ޖުމުލަތައް
އަތުރާލުމުގައި ގުޅުންހުންނަ މިންވަރު.
7. ބަހުގެ ހަމަތަކާއި ޤަވާޢިދަށް
ފެތިފައިވާ މިންވަރު.
8. ލިޔުމުގެ ސާފުކަމާއި އިމްލާގެ
މައްސަލަތައް ނެތުން.
9. ފެށުމާއި ނިންމުމުގެ ފުރިހަމަކަން.
9.
ފެށުމާއި
ނިންމުމުގެ ރީތިކަމާއި ޝައުޤުވެރިކަން :
މޮޅުމަޒުމޫނެއް ލިޔުމަށްޓަކައި މަތީގައިވާ ކަންތައްތަކަށް ސަމާލުކަން ދިނުމަކީ
ނުހަނު ބޭނުންތެރިކަމެކެވެ. ނަމަވެސް ވިސްނަންވީ ހަމައެކަނި މިކަންކަމަށް
ސަމާލުކަންދިނަސް ރަނގަޅަށް ރާވާލައިގެން ނޫނީ ފުރިހަމަ މަޒުމޫނެއް ބިނާ
ނުކުރެވޭނެކަމެވެ. ވީމާ މަޒުމޫނެއް ލިޔަންފެށުމުގެ ކުރިން ކުރަންޖެހޭ ހުރިހާކަމެއް
ބަރާބަރަށް ކޮށް ތައްޔާރުވެގެން ނޫނީ މޮޅު މަޒުމޫނެއް ނުލިޔެވޭނެއެވެ.
No comments:
Post a Comment