ދިވެހި ވާހަކަ






ކުޑަކުދިންގެ ވާހަކަ: އަވައްޓެރިޔާ

        މެންދުރު ފަހުގެ ވަގުތެވެ. ހަފީޒާ އައީ އޭނާގެ އަމިއްލަ، ބީ އެމް ޑަބުލިޔު ކާރުގައެވެ. ކާރު ޕާކުކޮށްފައި އައިސް ދޮރާށި ހުޅުވައިލިއެވެ. ލިފްޓަށް އަރައި ފަހަކަށް އޮބައިލިއެވެ. ފަސްވަނަ ފަންގިފިލާއިން ލިފްޓު ހުޅުވިއްޖެއެވެ. އެވަގުތު ފެނުނު މަންޒަރަކުން ހަފީޒާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. އޭނާގެ ނުވަ އަހަރުގެ ޝައިޝާ އެހުރީ، ކުރިމަތީގައި ހުރި އެޕާޓުމަންޓުގައި އުޅޭ އެ އުމުރުގެ ކުއްޖެއް ކަމަށްވާ، ޒުހާއާ ވާހަކަ ދައްކާށެވެ. ހަފީޒާ ފެނުމާއެކު، ޝައިޝާ އަވަސް އަވަހަށް ގޭތެރެއަށް ވަދެއްޖެއެވެ. ނުރުހުމުގެ ނަޒަރަކުން ޒުހާއަށް ކަޅިއަޅަމުން، ހަފީޒާ ވެސް ޝައިޝާގެ ފަހަތުން ކަހަލަ ގޮތަކަށް ގޭތެރެއަށް ވަދެއްޖެއެވެ.
ޝައިޝާ ގޮސް ވަނީ، އޭނާގެ ބޮޑު ތަނަވަސް ކޮޓަރިއަށެވެ. މަޑު ގޮދަޑިއަޅާފައިވާ އެނދުގައި ޖައްސައިލިއެވެ. އެވަގުތު އޭނާގެ ކަންފަތުގައި ޖެހުނީ، މަންމަގެ ނުރުހުމުގެ އަޑެވެ. ޖެހިގެން ހުރި ކޮޓަރިންނެވެ. އެއީ ގޭގައި ގެންގުޅޭ މަލަކާ ނިދާކޮޓަރިއެވެ. މަންމަ އެއްޗެހި އެ ކިޔަނީ މަލަކާއާ ދިމާއަށެވެ. ޒުހާއާ ވާހަކަ ދައްކަން ޝައިޝާ ހުރުމުން އެކަމާ ނުރުހިގެންނެވެ.
ޝައިޝާ، ޒުހާއާ ވާހަކަ ދެއްކުމަކީ، ހަފީޒާ ރުހޭކަމެއް ނޫނެވެ. އެ ގޭގައި އުޅޭ އެއްވެސް މީހަކާ ހަފީޒާ ވެސް ވާހަކައެއް ނުދައްކާނެއެވެ. އެ މީހުން ގޯސްވެގެނެއް ނޫނެވެ. ފެންވަރު ތަފާތުވީމައެވެ. ޝައިޝާގެ ބައްޕަ ފަދަ ރިސޯޓެއްގެ ވެރިއަކަށް ޒުހާގެ ބައްޕަ ނުވާތީއެވެ.
ޝައިޝާ އޮތީ ފުން ވިސްނުމެއްގައެވެ. އޭނާގެ ހަނދާނަށް އަންނަމުން ދިޔައީ، ދާދިފަހުން އިސްލާމް ގަޑީގައި މުދައްރިސް ކިޔައިދެއްވި ފިލާވަޅެވެ. އަވަށްޓެރިންނަކީ ކޮބައިކަމާއި، އަވަށްޓެރިންނަށް ހެޔޮކޮށް ހިތުމަކީ ދީނުގައި ކިހައި މުހިއްމު ކަމެއްކަން، އެ ދުވަހު އިސްލާމް މުދައްރިސް ކިޔައިދެއްވިއެވެ. އަވަށްޓެރިންނަކީ، ތިމާ ދިރިއުޅޭ ގޭގެ ކައިރީގައި ހުންނަ ގޭގޭގައި ދިރިއުޅޭ މީހުންނެވެ. އެކުގައި ކިޔަވަން އުޅޭ ކުދިންނަކީ ވެސް އަވަށްޓެރިންނެވެ. އަވަށްޓެރިންނަށް ހެޔޮކޮށް ހިތުމަށް ދީން ބާރުއަޅާ މިންވަރު ވެސް އެ ދުވަހު މުދައްރިސް ކިޔައިދެއްވިއެވެ. އެ ދުވަހަށްފަހު، ޒުހާއާ ގާތްގުޅުމެއް ބާއްވަން، ޝައިޝާ ވަރަށް ބޮޑަށް ބޭނުންވެއެވެ.
ހަނދާންކުރާތި! މީގެ ފަހުން އެ ކުއްޖާއާ ޝައިޝާ ވާހަކަދެއްކިޔަ ނުދޭތި!” މަލަކާއަށް އިންޒާރު ދިނުމަށްފަހު ހަފީޒާ ގޮސް އޭނާގެ ކޮޓަރިއަށް ވަދެއްޖެއެވެ.
މަންމަގެ މި ޖުމުލަ ކަންފަތުގައި ޖެހުމާއެކު، ޝައިޝާގެ ދެ ލޮލުން ކަރުނަ އޮހިގަތެވެ. ކުށެއްނެތް ބަޔަކު ދެކެ، މަންމަ އެހައި ރުޅިއަންނާތީއެވެ. އަވަށްޓެރިންގެ މުހިންމުކަމާއި، އެމީހުންނަށް ހެޔޮކޮށް ހިތުމަށް ދީން ބާރުއަޅާފައިވާ މިންވަރު މަންމައަށް ނުވިސްނޭތީއެވެ. އެކަމުގެ ގެއްލުން އިހުސާސް ނުކުރެވޭތީއެވެ.
ހުކުރު ދުވަހެވެ. މިއަދަކީ ޝައިޝާގެ ބައްޕަ ވާފިރު، ޖަރުމަނުވިލާތުގައި ހަފުތާއެއްހައި ދުވަސް ހޭދަކޮށްފައި، އެނބުރި އައިސް އުޅޭ ދުވަހެކެވެ. ކުރިއަށް އޮތީ ވެސް ބަންދު ދުވަހެއް ކަމަށްވާތީ، ވާފިރު ގަސްދުކުރީ ހަފީޒާއާއި ޝައިޝާ ގޮވައިގެން ރިސޯޓަށް ދާށެވެ. އެހެންނަމަވެސް މެންދުރުފަހު އިންޓަރ ކުލާސް ނެޓްބޯޅަ ފަރިތަކުރުން އޮތުމުގެ ސަބަބުން، ޝައިޝާ ގެންދެވޭކަށް ނެތެވެ. އެހެންކަމުން މަލަކާއާ ޝައިޝާ ހަވާލުކޮށްފައި، ހަފީޒާއާއި ވާފިރު ގެއިން ނިކުތީ، މެންދުރުން އަނބުރާ ދޭއް ޖެހިފަހުންނެވެ.
ޝައިޝާ ގޮވައިގެން މަލަކާ ސްކޫލަށް ދިޔައީ ތިނެއް ޖެހިއިރުއެވެ. ނިމޭނީ ފަހެއްޖަހާއިރު ކަމަށްވާތީ، މަލަކާ ދިޔައީ އޭނާގެ ރައްޓެއްސެއްގެ ގާތަށެވެ. ގޭގައި މީހަކު ނޫޅޭތީއެވެ. ކުރަންޖެހޭ އިތުރު ކަމެއް ވެސް ނެތީމައެވެ.
ހަވީރު ހަތަރެއްޖަހައި އެހައިކަންހައި އިރެވެ. އެއަރޓެކްސީން ފޭބުމަށް ފަހު، ފާލަންމަތިން ހިނގައިގަންނަމުން، ހަފީޒާ ފޯނު އޮންކޮށްލިއެވެ. “މިސްޑްކޯލް މެސެޖެއް” އައުމުން ބަލައިލިއިރު، ގުޅާފައި އޮތީ ޝައިޝާގެ ކުލާސް މުދައްރިސެވެ. ހަފީޒާ ވަގުތުން ގުޅިއެވެ. ލިބުނު ޚަބަރާއެކު، އޭނާގެ ހިތް ތެޅިގަތެވެ. ދެ ލޯ ކަރުނައިން ފުރިއްޖެއެވެ. ވަގުތުން ރޮވިއްޖެއެވެ. ދެ ފައިން ވަރު ހުސްވެގެން ވެއްޓެން އުޅޭހެން ހީވިއެވެ. ވާފިރަށް މި މަންޒަރު ފެނުމުން، އަވަސް އަވަހަށް ގޮސް ހަފީޒާގެ ގައިގައި ހިފަހައްޓައިފިއެވެ.
ކިހިނެއްވީ؟” ވާފިރު ކަންބޮޑުވެފައި ސުވާލުކުރިއެވެ.
ޝައިޝާ ކުޅެން ހުއްޓާ ވެއްޓި ބޯ ފަޅައިގެން ދިޔައީޔޯ! މިހާރު ވީ ހޮސްޕިޓަލުގަ. އަދިވެސް ހޭ ނާރާ.”
ހަފީޒާގެ މި ޖުމުލަތައް އިވިފައި ވާފިރަށް ވެސް ރޮވިއްޖެއެވެ. މަލަކާއާ ގުޅަން އުޅެއުޅެ ނުގުޅުނެވެ. އޭނާގެ ފޯނު ހަލާކުވެފައި އޮތްކަން ހަނދާންވީ އެހައި ހިސާބުންނެވެ. ވާފިރު ބޭނުންވީ ވަގުތުން މާލެދާށެވެ. އެހެންނަމަވެސް އެއަރޓެކްސީން ދަތުރެއް ހަމަޖެހޭ ގޮތެއް ނުވިއެވެ. އެންމެފަހުން ލޯންޗެއް ހަމަޖައްސައިގެން ނައްޓާލީއެވެ.
ޝައިޝާ އޮތީ އޭ ޑީ ކޭ ގައެވެ. ކޮޓަރިއަށް ވަނުމާއެކު ހަފީޒާއަށް ރޮއިގަނެވުނެވެ. ޝައިޝާ އޮތް ހާލު ފެނިފައެވެ. ބޮލުގެ ބޮޑުބަޔެއް އޮތީ ބެންޑޭޖުކޮށްފައެވެ. އައިވީ ގުޅާފައެވެ. ދެ ލޯ ވަނީ މެރިފައެވެ. ހަފީޒާއަށް އުޅެވުނީ ދަރިފުޅުގެ ގައިގައި އޮޅުލައިގަންނާށެވެ. އެހެންނަމަވެސް ކޮންމެވެސް މީހަކު އޭނާގެ އަތުގައި ހިފަހައްޓައި އެކަން މަނާކޮށްފިއެވެ.
މިވަގުތު ކެތްތެރިވޭ! ހުރިހައި ކަމެއް ވެސް އިރާދަކުރެއްވިއްޔާ މިހާރު ރަނގަޅު! ހޭ ވެސް އަރައިފި!”
ހަފީޒާއަށް ބަލައިލެވުނެވެ. ފެނުނީ އައިސްތުއެވެ. އޭނާ އިންތިހާއަށް ރުޅިއަންނަ އައިސްތުއެވެ. ކައިރީގައި ޒުހާ ވެސް ހުއްޓެވެ. ޒުހާ ހުރީ “އެކްސްޓްރާ” ޔުނިފޯމުގައެވެ. ހަފީޒާއަށް ވަގުތުން އައިސްތުގެ އަތުގެ ތެރެއިން އަތް ދަމައިގަނެވުނެވެ. ރުޅިވެރިގޮތަކަށް މޫނު އަނބުރައިލަމުންނެވެ.
އަޅުގަނޑުމެން ދެން ދަނީ!” ޝައިޝާގެ ބޮލުގައި މަޑުމަޑުން އަތްޖައްސާލުމަށްފަހު، އައިސްތު ތެދުވެގެން ހިނގައިގެންފިއެވެ. ޒުހާގެ އަތުގައި ހިފައިގެންނެވެ. ހަފީޒާއާއި ވާފިރަށް ތިބެވުނީ ކަރުނައިން ފުރިފައިވާ، އެހެނަސް ނުރުހުމުގެ ލޮލަކުން ކަޅި އަޅައިގެންނެވެ. އެވަގުތު ބޭސްކޮތަޅެއް ހިފައިގެން މަލަކާ އައިސް ވަދެއްޖެއެވެ.
ކަންހިނގައި ދިޔަ ގޮތް ހަފީޒާއަށާއި ވާފިރަށް އޮޅުންފިލީ ޖެހިގެން އައި ދުވަހު، ޝައިޝާގެ ކުލާސް ޓީޗަރުގެ ކިބައިންނެވެ. ޝައިޝާގެ ހުރިހައި ކަމެއްގައި އިއްޔެ އެހީތެރިވީ އައިސްތުއާއި ޒުހާއެވެ. ޝައިޝާ ވެއްޓުނީ ޒުހާ ވެސް އެތަނުގައި ކުޅެން ހުއްޓައެވެ. ޝައިޝާގެ ބެލެނިވެރިޔާއަށް ނުގުޅިގެން އުޅޭކަން ޒުހާއަށް އެނގުމުން، ޒުހާ އޭނާގެ މަންމައަށް ގުޅީއެވެ. ޝައިޝާ ހޮސްޕިޓަލަށް ގެންދިޔަ ހިސާބުން ފެށިގެން، ބެލެނިވެރިއެއްގެ ދައުރު އަދާކުރީ އައިސްތުއެވެ. އަމިއްލަ ދަރިއެއް ފަދައިންނެވެ.
މި ވާހަކަތައް އިވިފައި ހަފީޒާއަށް ހުއްޓުން އެރިއެވެ. އެތައް އިރަކު އެއްޗެއް ނުބުނެ އިނެވެ. އެހެން އިންދާ ފެނުނީ ދެ ލޯ ފެންކަޅިވާންފެށި ތަނެވެ. އެންމެ ފަހުން މުދައްރިސްގެ އަތުން އައިސްތުގެ ނަންބަރު ހޯދުމަށްފަހު، މުދައްރިސް ދިޔުމުން އައިސްތުއަށް ގުޅިއެވެ.
މީ ހަފީޒާ! މި ގުޅައިލީ ތި ދެ މައިންގެ ކިބައިން މާފަށް އެދެންވެގެން. ތި ވެދިން އެހީތެރިކަމަށް ޝުކުރު ވެސް އަދާކުރަން.”
ހަފީޒާގެ އަޑު ތުރުތުރު އަޅައެވެ. އޭނާ އައިސްތުއާއި ޒުހާގެ ކިބައިން މާފަށް އެދުނެވެ. ވެދިން އިޚުލާޞްތެރި އެހީއަށް ޝުކުރު އަދާކުރިއެވެ. އަދި ހޮސްޕިޓަލަށް އައުމަށް އެ ދެ މައިންގެ ކިބައިން އެދުނެވެ.
ހަފީޒާ އެގޮތަށް ވާހަކަ ދެއްކުމުން އައިސްތުގެ ދެ ލޮލުން ކަރުނަ ހިލުނެވެ. ލިބުނު އުފަލެއްގެ ބޮޑުކަމުންނެވެ. އެހެންކަމުން އެ ދެ މައިން އަވަސް އަވަހަށް ތައްޔާރުވެލައިގެން ހޮސްޕިޓަލަށް އަތުވެއްޖެއެވެ. އޭރު ޝައިޝާގެ ހާލު ވެސް ރަނގަޅެވެ. ވާހަކަދައްކާލެވޭވަރު ވެއެވެ.
އައިސްތުއާއި ޒުހާ ކޮޓަރިއަށް ވަނުމާއެކު ހަފީޒާ އައިސް އައިސްތުއާ ސަލާންކޮށްލިއެވެ. ޒުހާގެ ގައިގައި ބައްދާލިއެވެ. އުފަން ދަރިއަކާ ދިމާއަށް ބަލައިލާފަދަ ގޮތަކަށް ބަލައިލިއެވެ. މި މަންޒަރު ބަލަން، ބަލި އެނދުގައި އޮތް ޝައިޝާގެ ދެ ލޮލުން ކަރުނަ އޮހިގަތެވެ. މި ތަން ފެނިފައި ޒުހާގެ ލޮލުން ވެސް ކަރުނަ ހިލުނެވެ. އެހެނަސް އެ ދެ ކުދީންގެ މޫނުމަތީން ފެނުނީ އުފާވެރިކަމެވެ.
ޝައިޝާ ހޮސްޕިޓަލުން ދޫކޮށްލީ ހަފުތާއެއްހައި ދުވަސް ފަހުންނެވެ. މިއަދު އެ ދެ ޢާއިލާގެ މެދުގައި ވަނީ ވަރުގަދަ އެކުވެރިކަމެއް އުފެދިފައެވެ. ޝައިޝާއާއި ޒުހާއަކީ ގާތް ދެ ރަޙުމަތްތެރިންނެވެ. ދެ ކުދީން ސުކޫލަށް ދަނީ އެކުގައެވެ. އަންނަނީ ވެސް އެކުގައެވެ. ޝައިޝާގެ މަންމައާއެކު ކާރުގައެވެ. އަވަށްޓެރީންނަކީ ކިހައި މުހިންމު ބައެއްކަން ހަފީޒާއަށާއި ވާފިރަށް ވިސްނިއްޖެއެވެ. މިއަދު އެ ދެ ޢާއިލާއަކީ ދެ އެޕާޓުމަންޓެއްގައި އުޅުނަސް އެއް ބަޔެކެވެ. އެކުވެރި އެއްބައިވަންތަ ދެ ޢާއިލާއެވެ.
ނިމުނީ




***************************************************************************





ކުޑަކުދިންގެ ވާހަކަ: މާކުމްބެ  

  މާކުންބޭ އޭނާގެ ދަރީންނާ ބައްދަލުކޮށްލަން އެކުދީން ދިރިއުޅޭ ރަށަށް އައީ އީދު ދުވަހުގެ ހެނދުނުގެ ވަގުތުގައެވެ. އޭރު އެރަށުގެ މީހުން އުޅެނީ އީދުނަމާދުން ފައިބައިގެން ހެނދުނު ސައި ބުއިމުގައެވެ. އެންމެން ވެސް ތިބީ ރީތި ހެދުންލައި ނަލަހެދިގެން ތިބިއިރު، މާކުންބޭ ހުރީ ބާވެ ހަޑިވެފައި އޮތް މުންޑުގަނޑެއް އަނދެގެން އަރުވަޖަހާފައެވެ. ގަޔަކަށް ވެސް އެއްޗެއް ނުލައެވެ.
ބަނޑުހައިވެފައި ވާލެއް ބޮޑުކަމުން، ދޯނިން ފުންމާލައިގެން މާކުންބޭ ބާރުބާރަށް ހިނގައިގަތީ އޭނާގެ އެންމެ ދޮށީ ދަރިފުޅު ކަމަށްވާ ހައްވަގެ ގެއާދިމާއަށެވެ. މަގުމެދުން މާކުންބޭ ހިނގަމުން ދިޔައީ މީހަކާ ދިމާއަށް ބަލައިވެސް ނުލައެވެ.
އައްސަލާމް އަލައިކުމް.” މާކުންބޭގެ ރައްޓެއްސަކަށް މާކުންބޭ ފެނިގެން ސަލާން ގޮވައިލިއެވެ. އެހެންނަމަވެސް އެއަޑު އިވޭކަމަށް ވެސް މާކުންބޭ ނުހެދިއެވެ. ސަލާން ބަލައިނުގަތްތާނގައި އެ މީހާއާ ދިމާއަށް ބަލައިވެސްނުލިއެވެ. މަގުގައި ދެފައި ތަޅަމުން ކަހަލަ ގޮތަކަށް، އެ ދިޔަގޮތަށް ގޮސް ވަނީ ހައްވަގެ ގެއަށެވެ.

ބައްޕާ! ކޮން އިރަކު އައީ؟” މާކުންބޭ އައިސް ވަންތަން ފެނިގެން އަވަސް އަވަހަށް ހައްވަ އަހައިލިއެވެ.

އައިއިރެއް ބަލާނެކަމެއް ނެތް. އަވަހަށް ކާއެއްޗެއް ދެވޭތޯ ބަލާ!”

މޭޒުދޮށުގައި މީހުން ކާންތިއްބާ، މާކުންބޭ އެދިޔަ ގޮތަށް ގޮސް އެމީހުން ކާންތިބި ހެދިކާ ތަށިން ހެދިކާ ނަގައިގެން ކާން ފަށައިފިއެވެ. ބިސްމި ވެސް ނުކިޔައެވެ. ބައްޕަ އުޅޭންފެށި ގޮތުން ހައްވަ ހުރީ ލަދުގެންފައެވެ.
މާކުންބޭ ސައިބޯން ފަށައިފިއެވެ. ރަނގަޅަށް ނުވެސް ހަފާ، އެތަނުގައި ހުރިއްޔާ ހުރި ހެދިކާއެއް އިސާހިތަކު ކާލައިފިއެވެ. ސައިތަށި ވެސް ދަމައިލީ އެއް ނޭވައިންނެވެ. މަތިމައްޗަށް ދެ ތަށި ފެން ބޮއިލައިފިއެވެ. އިރުކޮޅަކުން އިވުނީ ބޮޑު ވަޔެއް ލީއަޑެވެ. ކަނާތުގެ ކުޑަވާއިނގިލި އަނގައިގެ ތެރެއަށް ލައިގެން ދަތުގައި ތަތްވެފައި ހުރި ކާތަކެތި ސާފު ކުރަމުން، ހިނގައިގަތީ ފޯއްތަބަކާ ދިމާއަށެވެ. ބިލަތްގަނޑަކަށް ފުރާ ފޯއް އެޅުމަށްފަހު އަނގައަށް ލައިގެން ގެއިން ނިކުތުމަށް ޓަކައި ހިނގައިގެންފިއެވެ. އެންމެ ކުޑަމިނުން ހައްވަގާތު ދަނީއޭ ވެސް ބުނެނުލައެވެ.
މާކުންބޭ މަގުމައްޗަށް ނިކުމެ، މަގުމެދަށް ބޮޑު ރަތްކުޅުގަނޑެއް ޖެހުމަށްފަހު، ދުފަމުން ދުފަމުން ދެން ހިނގައިގަތީ އޭނާގެ ދެވަނަ ދަރިފުޅު ފާތުމަގެ ގެއާ ދިމާއަށެވެ. އެގެއަށް ވަންއިރު ފާތުމަ ވެސް އުޅެނީ އޭނާގެ އެކުވެރިން ކޮޅެއް ގެއަށް ގެނެސްގެން ސައިދޭށެވެ. މާކުންބޭ ފެނުމުން ފާތުމައަށް ވެސް ކޮށްލެވުނީ ހަމަ ހައްވަ ކުރި ސުވާލެވެ.
އަންނަ އިރަށް ކޮންމެ މީހަކު ކޮން ބޭކާރު ސުވާލެއްތަ ތި ކުރަނީ؟” މާކުންބޭގެ އަޑު ވަރަށް ބާރެވެ.

ދެން ވެސް މަށަށް ކާއެއްޗެއް ދޭން އުޅެބަލަ!”

ފާތުމަ ސައި ހެދުމުން މާކުންބޭ ސައިބޯން ފަށައފިއެވެ. އަވަސް އަވަހަށް ހެދިކާތައް ކާން ފަށައިފިއެވެ. ރަނގަޅަށް ހެފުމެއް ވެސް ނެތި ދިރުވާލަނީއެވެ.
މާކުންބޭ! ތިހާ އަވަސް އަވަހަށް ކާކަށް ނުވާނެ.” އެތަނުގައި އިން މީހަކު މިހެން ބުނެލުމާއެކު މާކުންބޭ ގާތަށް އައީ ރުޅިއެވެ.

މަ ކާނެގޮތާއި ނުކާނެ ގޮތް އެނގޭނީ މަށަށް. އެއީ އެއްވެސް މީހަކާ ބެހޭކަމެއް ނޫން!”

ސައިބޮއި ނިމިގެން އެގެއިން ވެސް ވަރުގެ ކޮޅަށް ދުފާލައިގެން، މާކުންބޭ ނިކުމެއްޖެއެވެ. ދެން ދިޔައީ އޭނާގެ ތިންވަނަ ދަރިފުޅު އާމިނަތުގެ ގެއަށެވެ. އެގޮތަށް ފަހަރަކު ކުއްޖެއްގެ ގެއިން ސައިބޮމުން ގޮސް މިހާރު މާކުންބޭ އެ ވަންނަނީ އޭނާ ހަތްވަނަ ދަރިފުޅު ކަމަށްވާ ޒައިނަބުގެ ގެއަށެވެ. އޭރު ކެވުނުވަރުން މާކުންބޭއަށް ރަނގަޅަށް ނުވެސް ހިނގެއެވެ. ބަނޑު ހީވަނީ ބޮޑު ކަރައެއް ހެންނެވެ. އެހެންނަމަވެސް އެ ގެއަށް ވަދެވެސް އޭނާ ފެށީ ސައިބޯށެވެ.
ބައްޕާ! އެއްފަހަރާ ތިހާ ގިނައިން ކާކަށް ނުވާނެ.”

ޒައިނަބު މިހެން ބުނުމުން މާކުންބޭ ގާތަށް އައީ ރުޅިއެވެ. އެހެންކަމުން އިތުރަށް ޒައިނަބު އެއްޗެއް ނުބުނެވެ. މާކުންބޭ ކާނެ ވަރަކަށް ކައިގެން އެގެއިން ނިކުމެއްޖެއެވެ. ބަނޑުގައި އަތް އަޅައިގެން ހުރެ މަޑުމަޑުން ހިނގަމުން އޭނާ ދިޔައީ ރަށުގެ އަތިރިމަތީގައި ހުރި ހޮޅުއައްޓާ ދިމާއަށެވެ. ހިނގޭ ވަރު ނުވުމުން އެންމެފަހުން ހޮޅުއަށީގައި އޮށޯތީއެވެ.
ގިނައިރެއް ނުވެއެވެ. މާކުންބޭއަށް ހޮޑުލެވޭން ފަށައިފިއެވެ. ކޭ ހުރިހާ އެއްޗެއް ހޮޑަށް ލެވުނުއިރު މާކުންބޭ ވަނީ ހިރިނުލެވޭވަރުވެފައެވެ. އެހެންނަމަވެސް އެއްވެސް މީހަކަށް މިކަމެއް ނޭނގެއެވެ. އެހީވާނެ މީހަކު ނެތެވެ. އެހެން އޮއްވާ އެންމެފަހުން މާކުންބޭ އެންމެ ފަހު ނޭވާ ދޫކޮށްފިއެވެ. މާކުންބޭ މަރުވީއެވެ.
ނިމުނީ


***************************************************************************


ކުޑަކުދިންގެ ވާހަކަ: ސިންގާ ރަސްގެފާނާއި ބުއްދިވެރި މީދާ

   އެއް ސަހަރެއްގައި ވަރަށް ބޮޑު ޖަންގައްޔެއްގެ ތެރޭގައި ސިންގާ ރަސްގެފާނަކާއި އޭނާގެ އަޅުން ( އެކި ވަށްތަރުގެ ހުރިހާ ޖަނަވާރު ) އުޅުނެވެ. އެ ސިންގާ ރަސްގެފާނަކީ ވަރަށް ކަންނެތް، އަނިޔާވެރި އެއްޗެކެވެ. އޭނާގެ ފަރިއްކޮޅަށް ކޮންމެ ދުވަހަކު ބޮޑު ޖަނަވާރެއްނަމަ އެކަތި، ކުޑަ ޖަނަވަަރު ނަމަ ދޭތި ބޭނުންވާނެއެވެ. ތިން އިރައް ވެސް އޭނާ ބޭނުން ވާނީ ޖަނަވާރު ކާށެވެ.
އެއް ދުވަހެއްގެ ހނދުނުގެ ވަގުތެވެ. ޖަނަވާރުތައް މަޝްވަރާ ކުރަމުން ދިޔައީ މިއަދު ރަސްގެފާނު ސިންގާގެ ފަރިއްކޮޅަށް އަރުވާނީ ކޮން ޖަނަވާރު ތަކެއް ކަމާއި އެވެ. މިއަދު އޭނާގެ އަރިހަށް ދާން ޖެހުނީ ކުޑަ މީދަލަކާއި، މުސަޅަކާއި އަދި ބޮޑު ގެރިއަކަށެވެ. މީދަލާއި މުސަޅު ދާންޖެހުނީ ހެނދުނުގެ ނާސްތާ އަށެވެ.
އެ މީދަލަކި ވަރަށް ބުއްދިވެރި އެއްޗެކެވެ. އެންމެ ފުރަތަމަ ޖަނަވާރަކަށް ދާންޖެހުނީ އެ ކުޑަ މުސަޅާއެވެ. އެ މުސަޅު އޭނާގެ ބުއްދީގެ ބޭނުން ކުރިއެވެ. އޭނާ ގޮސް އެ ސިންގާ ރަސްގެފާނު ކައިރީގައި ބުންޏެވެ.
ރަސްގެފާން. ތިޔަ ރަސްގެފާނު ފަދަ އެހެން ޖަނަވާރެއް އަހަންނަށް ފެނިއްޖެ.” އެ މުސަޅު އިސްޖަހާލައިގެން ހުރެ ބުންޏެވެ.
ކޮންތާކުން ތިޔަ ބުނާ ޖަނަވާރެއް ފެނުނީ؟” ސިންގާ ރަސްގެފާނު ވަރަށް ރުޅި ދުރުވެ ހުރެ ބުންޏެވެ.
މް މިތާކައިރީގައި ހުރި އެހެން ޖަންގައްޔަކުން.” އެ މީދާ ވަރަށް ބިރުން ހުރެ ބުންޏެވެ.
އެ ޖަންގައްޔައް އަހަރެން ގޮވައިގެން ދާން ކެރިދާނެތަ؟” ސިންގާ ރަސްގެފާނު މީދާގެ މޫނާއި މޫނު ކައިރު ކޮއްލަމުން މަޑުމަޑުން ބުނެލިއެވެ.
ލައްބަ.” މީދާ ކުޑަކޮށް ފަހަތައް ޖެހިލަމުން ބުނެލިއެވެ.
ހިނގާ ދާން.” ސިންގާ ރަސްގެފާނު ކުރިޔައް ހިނގައިގަންނަމުން ބުނެލިއެވެ.
ކުޑަކުޑަ މީދާ ސިންގާ ރަސްގެފާނާއި އެއްވަރަކަށް ހިނގަމުން ބުނެލިއެވެ. އެ ސިންގާ ރަސްގެފާނު ހިނގާ ހިނގާ ވަރުބަލިވެގެން ބުންޏެވެ.
އަހަރެން ވަރުބަލި ވެއްޖެ. މިތާ ކައިރިން ފެންފޮދެއް ނުލިބޭނެތަ؟” ސިންގާ ރަސްގެފާނު ވަރުބަލިކަން އެކުލެވިފައިވާ އަޑަކުން ބުނެލިއެވެ.
މިހާރު މިއޮއް ދެވެނީ އެ ޖަންގައްޔަށް. އެތަނުން ފެން ލިބޭނެ.” މީދާ ވަރަށް ހަމަޖެހިލައިގެން ހުރެ ބުނެލިއެވެ. އޭރު އެ ޖަންގައްޔާ ވަރަށް ކަިރި ވެއްޖެއެވެ.
ހިނގާ. މީ އެ ޖަންގައްޔަކީ. އެހެރަ ވަޅުތެރޭގަ އޭތި އޮންނާނީ.” މީދާ އެތާ އިން ވަޅަކާ ދިމާލަށް އަތްދިއްކޮއްލަމުން ބުނެލިއެވެ.
ސިންގާ ރަސްގެފާނު އެވަޅުތެރެ ބަލާލިއިރު ކަމަކުދާކަށްނެތެވެ. މީދާ ބުނީ ތެދެކެވެ. ހަމައޭނާއާ އެއް ވައްތަރެއްގެ އެހެން ސިންގާ އެއް އެ ވަޅުތެރޭގައި އޮތެވެ. އޭނާ ހަޅޭއްލަވައިގަންނަ އިރައް އަނެއް ސިންގާ އެއައްވުރެއް ބާރައް ހަޅޭއްލަވައިގަނެއެވެ. ސިންގާ ރަސްގެފާނު ރުޅި އައިސްގެން ހަޅޭއްލަވައިގަތެވެ.
އޭ އަހަރެން މިފަހަރު ކަލޭ މަރާލަަނަން.” މިހެން ކިޔައި ސިންގާ ރަސްގެފާނު އެ ވަޅުތެރެއައް ފުންމައިލިއެވެ. ހަމަ އެއާއިއެކު އޭނާ އަށް އެ ސިންގާ ގެއްލުނެވެ. އެ ބުއްދިވެރި މީދާ ނިކަން ބާރަށް ހީގަތެވެ. އަދި ބުންޏެވެ.
ކިތަންމެ ބާރުގަދަ މީހަކަށް ކަލޭ ވިޔަސް ކަލޭގެ ސިކުނޑި އެއް ނުހުރޭ.”

ސިންގާ ރަސްގެފާނު މަރުވީ އެވެ. އެ ޖަންގަލީގެ ހުރިހާ ޖަނަވާރުތައް ވެސް އެ ކުޑަކުޑަ މީދަލަށް ޝުކުރުއަދާ ކުރިއެވެ. އޭގެ ފަހުން އެ ޖަންގަލީގައި އެއްވެސް ރަސްގެފާނެއް ނުހުރެއެވެ. ހުރިހާ ޖަނަވާރުތައް ވެސް މިހާރު އުޅެނީ ވަރަށް އަމާން ކަމުގައި އެއްވެސް ބިރެއް ނެތިއެވެ.
(
ނިމުނީ)

No comments:

Post a Comment